ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އިސްތިއުފާ ގޮވާލައި ބޭއްވި ބޮޑު މުޒާހަރާއަކާ އެ ގުޅިގެން އެ ގައުމުގެ އިދިކޮޅު ޕާޓީ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް މިޒުރާ ފާރޫގުލް އިސްލާމް އަލަމްގީރް ހައްޔަރުކޮށްފި އެވެ.
އޭނައަ އެކީ އެ ޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ އަދަދު 164 އަށް އަރަ އެވެ. ހަސީނާގެ އިސްތިއުފާ އަށް ގޮވާލައި ހޮނިހިރު ދުވަހު ބޭއްވި ވަރުގަދަ ބޮޑުޒާހަރާއާ ގުޅިގެން އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ފުލުހަކާއި އާންމުންގެ މީހަކު މަރު ވެސް ވެފައިވެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިރުޒާ، 75، ހައްޔަރުކުރީ މުޒާހަރާގެ ބައިވެރިންތަކެއް، އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. ނަމަވެސް އޭނަ ހައްޔަރުކުރި ސީދާ ސަބަބެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިރުޒާ އަކީ ބީއެންޕީ ހިންގެވުމުގައި މިހާރު އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އެވެ. އޭނަ އެ ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ ޗެއާވުމަން އަދި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ މައްޗަށް ކޮރަޝަޕްގެ ދައުވާތައް އުފުލައި ފަސް އަހަރަށް ޖަލަށްލުމާ ގުޅިގެންނެވެ.
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފެށީ މި މަހުގެ 21 ގަ އެވެ. އޭގެ ފަހުން މިހާތަނަށް 3،000 އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް ބީއެންޕީން ބުނެ އެވެ.