Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ކޮންސްޓްރަކްޝަން ދާއިރާ އަށް މިނިސްޓްރީއެއް

ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަވާ ގޮތަށް މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރޭ ބޭއްވި ހަފުލާއެއްގައި ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާ ހާއްސަވާ ގޮތަށް މިނިސްޓްރީއެއް މުހިއްމު ކަމަށެވެ. މުއިއްޒު ވިދާޅުވީ ދާއިރާ އަށް އެއްބާރުލުން ކުރިއަރުވަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އަބަދު އެހެން މިނިސްޓްރީއެއްގެ ދަށުގައި ކޮންސްޓްރަކްޝަން ދާއިރާ އޮތުމަށް ވުރެ، އެ ދާއިރާ އަށް ހާއްސަވާ މިނިސްޓްރީއެއް މުހިއްމު ކަމަށް ވިދާޅުވި އެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލްވާ ގޮތަށް ވުޒާރާއެއް ގާއިމް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ. ބޭނުމަކީ ދާއިރާ އަށް އިތުރަށް ސަމާލުކަން ދިނުން."

އާ ސަރުކާރުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީއެއް ހިންގި އެވެ.

މި ދާއިރާ އަކީ ރާއްޖޭގައި މި ފަހުން އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ދާއިރާ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ވެސް އުފައްދަވާނެ އެވެ. އެކަމާ ގުޅިގެން އެއީ ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލައި، ކުރީގެ އެޓޯލް މިނިސްޓްރީ އަލުން ވުޖޫދަށް ގެންނަން އުޅެނީ ކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ.