ޝާހްރުކް ޚާނާ އެކީ ފިލްމެއް ކުޅުމަކީ އުންމީދެއް ކަމަށް ބަތަލާ ފާތިމާ ސަނާ ޝެއިހް ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި 31 އަހަރުގެ ބަތަލާ ބުނީ ޝާހްރުކް، 57، އާ އެކީ މަސައްކަތް ކުރަން ލިބުމަކީ ހަގީގަތަކަށް ހަދަން ބޭނުންވާ ހުވަފެނެއް ވެސް ކަމަށެވެ.
"އެހެންވެ ވަރަށް އުންމީދުކުރަން ކޮންމެވެސް ދުވަހަކުން އެ ފުރުސަތު ލިބޭނެ ކަމަށް،" ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ އާމިރު ޚާންގެ 2016 ގެ ފިމްމު "ޑަންގަލް" އިން މަޝްހޫރުވި ބަތަލާ ބުންޏެވެ. "އެއީ އަހަރެންގެ ބަކެޓްލިސްޓްގައި ވެސް އޮތް ކަމެއް."
ޝާހްރުކާ އެކީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާތިމާ ފާޅުކުރި އިރު، ޝާހްރުކްގެ ފިލްމެއްގައި އޭނަ ވަރަށް ކުރިން ވެސް ހިއްސާވިކަމެވެ. އެއީ ޝާހްރުކާއި ޖޫހީ ޗާވްލާގެ 2001 ގެ "ވަން ޓޫ ކާ ފޯ" ގަ އެވެ. އޭރު ފާތިމާ އަށް 9 އަހަރެވެ.
ކުރިއަރަމުން އަންނަ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 13 ގައި ރިލީޒްކުރި "ދަކް ދަކް" އެވެ. ފާތިމާގެ ކުރިއަށް އޮތް ފިލްމަކީ އޭނަ އިންޑިއާގެ ކުރީގެ ބޮޑުވަޒީރުގެ ރޯލު ކުޅުނު އެކްޓަރު ވިކީ ކޯޝަލްގެ "ސޭމް ބަހާދޫރު" އެވެ. ޑިސެމްބަރު 1 ގައި ރިލީޒްކުރާ އެ ފިލްމުގައި ފާތިމާއާ އެކީ "ޑަންގަލް" ގެ ރޯލެއް ކުޅުނު ބަތަލާ ސާނިއާ މަލްއުތުރާ ވެސް ހިމެނެ އެވެ.