Last Updated: July 23, 13:11
Thursday, July 23, 2026
ޚަބަރު

ބީއެމްއެލްގައި ގިނަ ދުވަސްވީ މުވައްޒަފުބްގެ އަގުވަޒަންކޮށްފި

ބީއެމްއެލްގައި ގިނަ ދުވަހު ހިދުމަތްކޮށްފައިވާ 64 މުވައްޒަފެއްގެ އަގުވަޒަންކޮށް އެވޯޑު ދީފި އެވެ.

ބީއެމްއެލް އިން ވަނީ 15 ،20 ،25، 30، 35 އަދި 40 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދީފަ އެވެ.

ރޭގެ ޖަލްސާގައި ވަނީ 40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓަރނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ޚާއްޞަ އެވޯޑެއް ދީފަ އެވެ. އަދި 35 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސަރވިސް ސެންޓަރސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރ އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއަރ އޮފިސަރ އައިމިނަތު ނަސީރުގެ ޚިދުމަތް ވެސް ވަނީ ހާއްސަ ގޮތެއްގައި ފާހަގަކޮށްފަ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ މުވައްޒަފުންނަކީ ބޭންކުގެ ކާމިޔާބީގެ މުހިންމު ބައެއް ކަމަށާއި ފާއިތުވި އަހަރުތަކުގައި ހިވާގިކަމާއެކު ކުރި ބުރަ މަސައްކަތަށް ކޮންމެ މުވައްޒަފަކަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ.

ބީއެމްއެލް އިން ވަނީ މިއަހަރުގެ އޯގަސްޓް މަހު ވަޒީފާ އަދާކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ސްޓާފް އެވޯޑެއް ވެސް ބާއްވާފަ އެވެ.