Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ރިޔާސަތު މޭޒު ހިމެނޭ ސަރަހައްދަށް ވަދެ ޖަލްސާ ފެށުމަށް ހުރަސްއަޅައިފި

ރިޔާސަތު މޭޒު ހިމެނޭ ސަރަހައްދަށް ވަދެ, ޖަލްސާ ފެށުމަށް އެމްޑީޕީ މެންބަރުން ހުރަސް އަޅަނީ-

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު މޭޒު ކައިރިއަށް އެއްވެ އެމްޑީޕީ މެންބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހުރަސްއަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް މަސައްކަތް ކުރުމުން އެމްޑީޕީގެ މެންބަރުންވަނީ ރިޔާސަތު މޭޒު ހިމެނޭ ސަރަހައްދުގެ ތެރެއަށް ވަދެގަނެ، މަޖިލީހުގެ ރައީސް އިންނަވާ ގޮނޑިކޮޅުގައި އިށީންދެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެވެ.

އެގޮތުން މެންބަރު ހަސަން އަފީފް ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމުން، ރައީސްގެ މޭޒުގައި ހުރި މައިކަށް ދަމާ ހަދާފައިވެއެވެ. މިކަންކަމުގެ ތެރެއިން ރިޔާސަތު މޭޒު ހިމެނޭ ސަރަހައްދުގައި ބައެއް މެންބަރުން އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލާ ހަދާފައިވެސް ވެއެވެ. އަދި މަޖިލީހުގައި އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިއޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމާއި، މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެމްޑީޕީގެ މެންބަރުން ހުރަސްއަޅާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުންނެވެ.