އިންޑިއާގެ އެކްޓަރު ސުނިލް ޝެޓީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނަގެ ގޭގައި އާންމުކޮށް ކައި އުޅެނީ ގޭގައި ހައްދާ ތަރުކާރީ އާއި މޭވާ އެވެ. ހާއްސަކޮށް ތަރުކާރީ އެވެ. އަދި އަމިއްލަ ފާމްހައުސްގައި އަބަދުވެސް ތަފާތު ބާވަތްތަކުގެ ގަސް ހައްދާ ކަމަށާއި މިއީ ވަރަށް ލޯބިކުރާ ކަމެއް ކަމަށް "ދަޅުކަން" ފަދަ މަގުބޫލު ފިލްމުތަކެއް ކުޅެފައިވާ 62 އަހަރުގެ އެކްޓަރު ބުނެފައިވެ އެވެ.
މިޑް-ޑޭ އިން އާންމުކޮށްފައިވާ މި ވީޑިއޯ ނިކަނމް ބަލައިލާށެވެ. މީގައި މި ފެންނަނީ ސުނިލް ބުނެފައިވާ ވަރަށް ގަޔާވެގެން ގަސް ހައްދައި ބެލެއްޓުމުގެ މަސައްކަތްކުރާ ތަނެވެ. އޭނަ ބުނެފައިވާ ގޮތުގައި ގަސް ހައްދައި ގޯތިތެރެ ފެހިކޮށް، ފިނިކޮށް ބޭއްވުމާ އެކީ އަމިއްލަ ހައްދާ ތަކެތިން ސުފުރާމަތި ތަނަވަސް ކުރުމަކީ އާއިލާ އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ހިތްހަމަޖެހުމެކެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ސުނިލް އަކީ ޒުވާން ދެ ކުދިންގެ ބައްޕައެކެވެ. އޭނަގެ ދޮށީ ދަރިފުޅު ކުރީގެ ބަތަލާ އާތިޔާ ޝެޓީ، 30، މިދިޔަ އަހަރު ވަނީ ކައިވެނި ވެސް ކޮށްފަ އެވެ. ސުނިލްގެ ދަނބިދަރި އަކީ އިންޑިއާގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ޒުވާން ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކޭއެލް ރާހުލް އެވެ.
ސުނިލްގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ، 27، ބޮލީވުޑަށް ނުކުތީ 2021 ގެ "ތަޅަޕް" އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުނިލް މުހިއްމު ރޯލެއް ކުޅުނު 1997 ގެ "ބޯޑާ" ގެ ދެވަނަ ބައި ހަދަން މިހާރު ތައްޔާރުވަމުން އަންނަ އިރު، އޭގެ ކާސްޓްގައި އަހާން ހިމެނޭނެ އެވެ.
ފިލްމީ މަސައްކަތުން ސުނިލް ފެންނަލެއް މަދަސް ވެބް ސީރީޒްތަކާއި ސްޓްރީމިން ޕްލެޓްފޯމްތަކަށް ބައެއް ކަހަލަ ރިއަލިޓީ ޝޯތައް ހޯސްޓްކުރުން ފަދަ ކަންކަން ސުނިލް ކުރަމުންނެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2021 ގެ "މުމްބާއީ ސާގާ" އެވެ. ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޮޕަރޭޝަން ފްރައިޑޭ" އާއި "ވެލްކަމް ޓު ޖަންގަލް" ހިމެނެ އެވެ.
ފިޓްނެސް އަށް ވަރަށް ބޮޑު އިސްކަމެއް ދޭ ސުނިލް އަކީ އަމިއްލަ ބައެެއް ވިޔަފާރިތައް ވެސް ހިންގާ މީހެކެވެ. އޭގެ ތެރޭގައި ރެސްޓޯރަންޓް ވިޔަފާރި ހިމެނެ އެވެ.