މީގެ 10 އަހަރު ކުރިން ބްލެކްބެރީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތް ޖޯން ޗެން މި ހަފުތާގައި ރިޓަޔާކުރައްވަން ނިންމައިފި އެވެ.
އޭނަގެ މި ނިންމެވުމާ ގުޅިގެން އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޗެން ރިޓަޔާކުރައްވަން ނިންމެވުމާ ގުޅިގެން ވަގުތީ ގޮތުން ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ބްލެކްބެރީގެ ބޯޑް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑިރެކްޓަރު ރިޗަޑް ލީންޗް ކަމަށެވެ.
ރިޓަޔާކުރައްވަން ނިންމެވުމާ ގުޅިގެން ދެން ބްލެކްބެރީގެ ބޯޑްގައި ވެސް ޗެން، 68، ހިއްސާވެވަޑައިގެން، އެއްވެސް ޒިންމާއެއް އަދަައެއްނުކުރައްވާނެ އެވެ. ހޮންކޮންގަށް އުފަން ޗެން ބްލެކްބެރީގެ ސީއީއޯގެ މަގާމަށް ވަޑައިގެންނެވީ 2013 ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ބްލެކްބެރީ އަކީ މޮބައިލް ފޯނު ތައާރަފުވެގެން އައި ދުވަސްވަރު، ފޯނު ބްރޭންޑެއްގެ ގޮތުގައި އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ބްރޭންޑެވެ. ނަމަވެސް އެޕަލް އިން 2007 ގައި އައިފޯން ތައާރަފުކުރުމާއި އެހެން ބައެއް ކުންފުނިތަކުން ވެސް މޮބައިލް ފޯނު މާކެޓްގައި ހޯދި ބޮޑެތި ކުރިއެރުންތަކާ އެކީ ބްލެކްބެރީގެ ޒަމާން ވަނީ ގޮސްފަ އެވެ.