ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނަގާނަމަ މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާ ލިބުމުން އެކަމާ މެދު ދެކޭގޮތް މަޖިލީހުގެ އިދާރާއަށް ލިޔުމުން އަންގާފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވަނިކޮށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް އިތުރު މަސައްކަތް ކުރެވޭނެކަމަށް ނުދެކޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ ރޫހަކީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން ދޭންޖެހޭ މުއްދަތުތައް ދިނުމަށްފަހު ވީހާވެސް އަވަހަކަށް އެބޭފުޅަކަށް މެންބަރުންގެ އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ ކަށަވަރު ކުރުންކަމަށެވެ.
އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް ނާހާ އިތުރަށް ބާއްވާ ކޮންމެ ޖަލްސާއަކީ ޤާނޫނާ ހިލާފު ޖަލްސާއެއް ކަމަށް ގަބޫލުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރިއަށް ދެވޭނެ ގޮތަކަށް ހައްލެއް ލިބޭތޯ ވަރަށް މަސައްކަތް ކުރެވުނުކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އުންމީދު ކުރަނީ މިކަމުން ވީހާވެސް އަވަހަކަށް އަރައިގަތުމަށް ކަމަށާއި، އަދި އުންމީދު ކުރަނީ މިކަމުގައި ސުޕްރީމް ކޯޓުން ވީހާވެސް އަވަހަށް ގޮތެއް ނިންމެވުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ. އެ މައްސަލަ މި ހަފްތާ އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރިނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވިފައިވަނީ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާން ފޮނުވާފައި އޮތުމުންނެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅަން އެޖެންޑާ ކުރުމުން އެމްޑީޕީ މެންބަރުން ވަނީ އެ ޖަލްސާ ކުރިއަށް ގެންދިއުމަށްވެސް ހުރަސް އަޅާފައެވެ.