އިއްޔެ 25 އަހަރު ފުރުމާ ދިމާކޮށް ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކުރި ބަތަލާ މި ވަގުތު ހުރީ ސޮނެވާ ޖާނީގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އަނަންޔާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކޮޑް، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް 2" އެވެ.
އެކްޓަރު ޝާހިދު ކަޕޫރގެ ކޮއްކޮ އެކްޓަރު އިޝާން ޙައްތަރާ ރައްޓެވިގެން އުޅުނު އަނަންޔާގެ އާ ލޯބިވެރިޔަކީ "އާޝިގީ 2" ގެ ބަތަލު އަދިތިއާ ރޯއީ ކަޕޫރެވެ.
ކުރިއަރަމުން އަންނަ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކޯ ހަޔޭ ހަމް ކަހާ" އާއި "ކޮންޓްރޯލް" އަދި "ޝަންކަރާ" ހިމެނެ އެވެ. އަނަންޔާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ލައިގާ"، "ގެހަރާއިޔާ"، "ކާލީ ޕީލީ" އަދި "ޕަތީ ޕަތުނީ އޯރް ވޯ" ހިމެނެ އެވެ.
މިދިޔަ ހަފުތާގައި އަނަންޔާ ވަނީ އޭނަގެ ފުރަތަމަ ވެބް ސީރީޒް "ކޯލް މީ ބައޭ" ގެ ޝޫޓިން ވެސް ނިންމައިިފަ އެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އުފެއްދުމެކެވެ.