Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އަމްބާނީ އަށް މަރުގެ އިންޒާރުދޭތީ ޕޮލިހަށް

އިންޑިއާގެ އެންމެ ބޮޑު މަހުޖަނު އަދި ރިލަޔަންސް ގްރޫޕްގެ ވެރިޔާ މުކޭޝް އަމްބާނީ އަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދޭ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކާކުކަން ނޭނގޭ މީހަކު ގިނަ އަދަދެއްގެ ފައިސާ އަށް ޑިމާންޑްކޮށް އަމްބާނީ އަށް މަރުގެ އިންޒާރު ދީފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. އެގޮތުން ފުރަތަމަ މެއިލް ލިބުނީ މި މަހުގެ 27 ގަ އެވެ. އޭގެ ފަހުން ޖެހިގެން އައި ދެ ދުވަހު އަލުން އިންޒާރު ދިނީ ޑިމާންޑްކުރި ގޮތަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސާފައި ނުވާ ކަމަށް ބުނެ އެވެ.

މަރުގެ އިންޒާރު ދޭ މީހާ ޑިމާންޑްކުރަނީ އަމްބާނީގެ އަތުން 400 ކްރޯޑް ރުޕީސް (48 މިލިއަން ޑޮލަރު) ހޯދުމަށެވެ. އިންޒާރުގެ މެއިލްތަކުގައ ބުނެފައި ވަނީ ފައިސާ ދިނުން ނޫން ގޮތެއް ނޯންނާނެ ކަމަށާއި ފުހުންނަށް ރިޕޯޓްކުރިޔަސް އޭނަ ހޯދައި، ހައްޔަރު ވެސް ނުކުރެވޭނެ ކަމަށެވެ.

މީޑިއާތަކުން ބުނީ މި އިންޒާރުތަކާ ގުޅިގެން މުމްބާއީގައި ހުންނަ އަމްބާނީގެ ގޭގެ ސެކިއުރިޓީ ވެސް ފުލުހުން ވަރުގަދަކޮށްފައިވާ ކަމަށެވެ.

އަމްބާނީ، 66، ގެ މިލްކިއްޔާތު 88.47 ބިލިއަން ޑޮލަރަށް އަރަ އެވެ.