ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުން ނިންމާ ގޮތަކަށް ކިޔަމަންވާނެ ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދާއި ޤާނޫނުއަސާސީގެ ރޫހަކީ މަޖިލިސް މެދުނުކެނޑި ކުރިއަށް ދިއުން ކަމަށެވެ.
މީގެކުރިންވެސް މަޖިލީހުގެ ރައީސް އަދި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުނުކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެންމެ ދެރަކޮށް ދިމާވާކަމަކީ މަޖިލީހުގެ ރައީސް އަދި ނައިބުރައީސްގެ އާއިލީ ގާތްކަމާއެކު މިކަމުގައި މަސްލަހަތުތަކެއް އޮތުން ކަމަށެވެ.
މިހާރު މަޖިލިސް ގަވައިދު އޮތްގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސްއެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް އެކަން އަންގާ ސަލާން ފޮނުވާފައި އޮތުމުންނެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މީގެކުރިން ބައެއް މެންބަރުން އާލާސްކަންފުޅާ އުޅުއްވާތީ އަހަރު ދުވަސްވަންދެންވެސް މަޖިލީހަށް ހާޒިރު ނުވެދިޔަ ކަމަށެވެ. އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ވަނިކޮށް ނައިބުރައީސް މަޖިލީހަށް ހާޒިރުނުވާނަމަ އެފަދަ މައްސަލަތައް އެއްގޮތަކަށްވެސް ކުރިއަށް ނުދާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ އިތުބާރުގެ މައްސަލައިގައި ރިޔާސަތު ބަލަހެއްޓޭނީ ހަމައެކަނި ނައިބުރައީސްއަށް ކަމަށް ބައެއް ބޭފުޅުން މާނަކުރެއްވިނަމަވެސް އެމްޑީޕީން އެކަމުގައި ބާރުއަޅަނީ މުޅި ގަވައިދުގެ އެއްމާއްދާ އަނެއްމާއްދާއާ ގުޅޭގޮތަށް މާނަކުރުމަށް ކަމަށެވެ. އެކަމުގައި އަސްލަމް ފާހަގަކުރައްވަނީ މަޖިލީހުގެ ގަވައިދުގައި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން މަޖިލީހުގެ ރައީސް އަދި ނައިބުރައީސް ހާޒިރުނުވެވޭ ހާލަތުގައި ދެން އަމަލުކުރާނެ ގޮތް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސް އަދި ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ރައީސް ކަނޑައަޅުއްވަންވާނެ ކަމަށެވެ. އެގޮތަށް ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަށް ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.
"އިރާދަކުރެއްވިއްޔާ ސުޕްރީމް ކޯޓުން މިކަމުގައި ގޮތެއް ކަނޑައަޅުއްވައި އަދި އެއީ ކޮންމެ ގޮތަކަށް ކަނޑައެޅުއްވިނަމަވެސް އެ ނިންމަވާ ނިންމެވުމަކަށް އަޅުގަނޑުމެން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ބޯލަނބާ ކިޔަމަންވާނެ ވާހަކަ ދަންނަވަން." އަސްލަމް ވިދާޅުވިއެވެ.