Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމުގެ ރޫހު ނެތް

އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހު އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގައި ނެތްކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އާ ރައިސް ހުވާކުރުމުގެ ޖަލްސާއާ މެދު އަދި ވަކި ގޮތެއް ޕީޖީ ގުރޫޕުން ނިންމާފައި ނުވާކަމަށާއި ނަމަވެސް އެ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހު ޕީޖީ ގުރޫޕުގައި ނެތްކަމަށެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދަން އަދި ހަމަޖެހިފައިއޮތީ މަޖިލިސް ތަޅުމުގައި ނޫންކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ މަޖިލިސް ފުލޯގައި ޖަލްސާތައް ހުއްޓުވާ އުސޫލުން އެތަނަށް ގޮސް ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން އަމަލުކުރާނެ ކަމަށް ނުދެކޭކަމަށެވެ.

އެހެންނަމަވެސް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައިވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވޭ މަޖިލީހުގެ ޖަލްސާއެއްގައި އާ ރައީސް ކުރައްވާ ހުވައަކީ ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިން ކުރެވޭ ހުވައެއް ކަމަށް އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުން ގަބޫލު ނުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އާ ރައީސް ހުވާކުރުމުގެ ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކުރިނަމަވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަވާނެ ކަމަށެވެ. އަދި ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ރޫހު ނެތްކަމަށްވެސް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީގެ އެއްބާރުލުން އާ ސަރުކާރަށް ލިބޭނެ ކަމަށާއި އްސުމެއް ކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ.