Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވާނަން

މައިނޯރިޓީ ލީޑަރު އަލީ އާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވާނެކަމަށް ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އެމްޑީޕީން ފުރަތަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އެއްބަސްވެގެން އެ މައްސަލަ އަނބުރާ ނެގުމަށްފަހު އަނެއްކާވެސް އެ މައްސަލަ ހުށަހެޅުމުން އެއީ ކަންކަން ހިންގަންވާނެ ގޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކަންކަމުގައި ރިވެތި ހަމައާއި އުސޫލު ދެކޮޅުންވެސް ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ގަވައިދެއްގައި އަދި ޤާނޫނުއަސާސީގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް ލިޔެފައިވަނިކޮށް ދެން އެކަން އެހެން ގޮތަކަށް ކުރެވޭނެ ކަމަށް ނުދެކޭކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި މަޖިލިސް ހުއްޓުވައިގެން އުޅެނީ ޑިމޮކްރަޓުން ނޫންކަމަށްވެސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް މިހާރު ހުށަހެޅިފައިވާ ދައުވާއަކީ މަޖިލީހުގެ މައްޗަށް ކުރެވިފައިވާ ދައުވާއެއްކަމަށް ދެކޭކަމަށާއި އެހެންކަމުން އެ މައްސަލައަށް މެންބަރުން ތަދައްޚުލުވާންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ޔަގީނުންވެސް [ތަދައްޚުލު] ވާނަން." އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ އެމައްސަލަ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން ޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.