Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

އަމީރު ގާނޫނުއަސާސީއާ ހިލާފުވެއްޖެ، ފިޔަވަޅު އަޅަންޖެހޭ

މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޤާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށާއި އެކަމާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ބަންޑާރަނައިބަށް ޤާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ލަފާ ނުދެވޭނެ ކަމަށެވެ.

"މިނިސްޓަރު އަމީރު އެވަނީ މިހާރު ޤާނޫނުއަސާސީއާ ހިލާފުވެފައި. މިނިސްޓަރު އަމީރާ ދޭތެރޭގައި ކޮންމެވެސް ހިސާބަކުން ފަޔަވަޅު އަޅަންޖެހޭނެ، ކޮންމެވެސް ކޯޓަކުން، ފަރާތަކުން ފިޔަވަޅު އަޅަންޖެހޭނެ." އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ހ ގައި، ރައްޔިތުންގެ މަޖިލީހަށް ޖެހިގެން އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި، ބަޖެޓް ހުށަހަޅަންޖެހޭނީ ވަޒީރުކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ވެސް ވަޒީރު އެކަން ކުރަންޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ޤާނޫނުއަސާސީއާ ހިލާފުވެފައިވާކަމަށް އާޒިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ބަޖެޓް ހުށަހެޅުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިނަމަވެސް އެ ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަންނަ އަހަރަށް ދައުލަތަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުން އެޖެންޑާ ކުރިނަމަވެސް މިނިސްޓަރު އަމީރު ވަނީ މަޖިލީހަށް ހާޒިރު ނުވުމަށް ނިންމަވާފައެވެ. އެގޮތަށް ނިންމެވީ ބަންޑާރަނައިބުގެ ލަފާފުޅުގެ މަތިންކަމަށް މައުލޫމާތު ލިބެއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަންނަ އަހަރަށް ދައުލަތަށް ލަފާ ކުރަނީ 49.5 ބިލިއަން ރުފިޔާ ބެޖެޓެއް ކަމަށެވެ. ބަޖެޓް ހުށަހެޅުމަށް ފަހު ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓު ބަޔާނާއި އަދި ތަފްސީލުތައް އާންމު ކުރާނެކަމަށް ބުނެފައެވެ.