Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

ކޯޓުގެ ހުރުމަތް ނުކަނޑާކަމަށް ޕީޖީން ބުނެފި

ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑިކަމަށްބުނެ ޕީޖީ އޮފީސް 10،000 ރުފިޔާއިން ޖުރިމަނާކުރި މައްސަލަ މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާ ކޮށްފައިވަނީ ކޯޓު އަމުރަކަށް ތަބާ ނުވުމުންނެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މައުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައިނުވަނީ، އެ މައުލޫމާތަކީ ޕީޖީ އޮފީހުގައި މައްސަލައިގައި ލިބިފައިވާ މައުލޫމާތަކަށް ނުވާތީ ކަމަށެވެ. އެފަދަ މައުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާއުން ހުށަހެޅުއްވުމުން އެ މައުލޫމާތު ހޯދުމަށް މަސައްކަތކުރާނެކަމަށް ކޯޓުގައި ދެންނެވި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެ ގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މައުލޫމާތެއް ނުހޯދޭ ހާލަތުގައި އެ މައުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކުރައްވައިގެން ހޯއްދެވޭ ކަމަށެވެ.

"އެމަޢުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މަޢުލޫމާތަކަށްވާތީ، އެމަޢުލޫމާތު ހޯއްދެވޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުއްވައިގެންނެވެ. އެ އަމުރު، ފުލުސް އޮފީހަށް ފޮނުއްވާފައި އޮތްކަމަށް މިއޮފީހަށް މަޢުލޫމާތު ލިބިފައިވެއެވެ. އެފަދަ ކަމެއްގައި، މިއޮފީހުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލުމަކީ އިންޞާފުވެރި ގޮތެއްކަމަށް ނުވެދާނެތީ، އެއަމުރު މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ." ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހުގައި ހުރި މައުލޫމަތެއް ކޯޓަކުން ބޭނުންފުޅުވެގެން އެދިވަޑައިގެންފިނަމަ، ނުދީ ހިފެހެއްޓުމަކީ ދުވަހަކުވެސް ކުރި ނުވަތަ ކުރާނެވެސް ކަމެއް ނޫން ކަމަށެވެ.

"މިއޮފީހުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، މިއޮފީހަށް ލިބޭ ހުރިހާ މަޢުލޫމާތެއް ހާމަކުރަމެވެ. ފޮރުވާނެ އެއްޗެއް ނޯންނާނެއެވެ." ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ނަމަވެސް، ތަހުޤީޤުން ނުލިބޭ، ޕީޖީ އޮފީހުގައި ނުވެސް ނެތް މައުލޫމަތެއް ހާމަކުރަން ކޯޓުން އެދޭނަމަ، އެމައުލޫމާތެއް ހޯއްދެވޭނީ، އެ މައުލޫމާތެއް ހުރި އިދާރާއަކަށް ލިޔުއްވައިގެން ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މީގެއިތުރުންވެސް ޕީޖީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން އަދަބެއް ކަނޑައެޅޭނީ "ޝަރީއަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާ ކަމެއްގައި ކަމަށް ސާފުކޮށް އޮއްވާ، މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެމާއްދާގެ ދަށުން އަދަބު ކަނޑައެޅުމަކީވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ.