Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

އަންނަ އަހަރު އިގުތިސާދީ ދުވެލި މަޑުޖެހޭނެ

2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު އިގުތިސާދީ ދުވެލި މަޑުޖެހޭނެކަމަށް އަންދާޒާކުރެވޭ ކަމަށް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮތުގައި ބުނެފިއެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮތުގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމަށްފަހު، 2022 ވަނަ އަހަރުގެ ތެރޭގައި އިގުތިސާދު 13.9 އިންސައްތައިން ކުރިއަރައި، އެ އަހަރު ނިމުނުއިރު ރާއްޖޭގެ އިގުތިސާު ކޮވިޑުގެ ކުރިން ހުރި މިންވަރަށް އިއާދަވެފައިވާ ކަމަށެވެ.

2023 ވަނަ އަހަރު، ދިވެހިރާއްޖޭގެ އިގުތިސާދު 8.7 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، މި އަހަރާއި ނިމިގެންދިޔަ އަހަރުގެ އިގުތިސާދީ ކުރިއެރުމަކީ، ދިގު މުއްދަތުގައި އެވަރެޖްކޮށް އިގުތިސާދު ކުރިއަރާ މިންވަރަށްވުރެ މަތީ އަދަދެއް ކަމަށެވެ.

"2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު އިގުތިސާދީ ދުވެލި މަޑުޖެހޭނެކަމަށް އަންދާޒާކުރެވެއެވެ. މިހާރުގެ އަންދާޒާތަކަށް ބަލައި، 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގުތިސާދު 5.5 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވެއެވެ. އަދި އަންނަ އަހަރަކީ 2020 ވަނަ އަހަރުގެ ފަހުން އިގުތިސާދީ ދުވެލި، ލޯންގް ރަން އެވަރެޖް ގްރޯތުގެ ޓްރެންޑަށްވުރެ ދަށްވާ ފުރަތަމަ އަހަރެވެ." ބަޖެޓް ފޮތުގައި ބުނެފައިވެއެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ ޔޫރަޕުގެ ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަށްވެފައިވުމާއި، ޔޫރަޕުގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމާއެކު އަންނަ އަހަރު ޔޫރަޕުގެ ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވޭތުވެދިޔަ ދެ އަހަރު އިތުރުވި މިންވަރަށް ކުރިއަރާނެކަމަށް ނުބެލެވޭތީ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ ތެރޭގައި އިގުތިސާދަށް އަންނަ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް ކުރާނެކަމަށް ބެލެވެނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއަށް އަންނަ ކުރިއެރުން ކަމަށްވެސް ބުނެފައިވެއެވެ.

ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު އިގުތިސާދީ ދުވެލި މަޑުޖެހުނު ކަމުގައިވީ ނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ޕްރޮޖެކްޓުގެ މަސައްކަތް ނިމި އޮޕަރޭޓުކުރަން ފެށުމުން، 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން ހަލުވިވެ، 8.6 އިންސައްތައިން ކުރިއަރާނެކަމަށް ބެލެވޭ ކަން ބަޖެޓް ފޮތުގައި ފާހަގަ ކޮށްފައިވެއެވެ.