2024 ވަނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށް ލަފާކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެތް ފޮތުގައި ބުނެފައިވަނީ 2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ކޮވިޑް-19 ގެ ކުރިން ހުރި މިންވަރަށް ހާސިލުކުރެވިފައިވާ ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރު ޔޫރަޕުގެ ގައުމަތުންނާއި އިންޑިއާއިން ޒިޔާރާތްކުރި ފަތުރުވެިރންގެ އަދަދުވެސް ނިމިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަން ބަޖެޓް ފޮތުގައި ފާހަގަކޮށްފައިވެއެވެ.
ބަޖެޓް ފޮތުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވެ، މި އަހަރުގެ ނިޔަލަށް 1.87 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި މި އަހަރު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށް މިއަންނަ އިތުރުވުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނެކަމަށް ބެލެވެނީ ޗައިނާ މާކެޓުންކަން ފާހަގަ ކޮށްފައިވެއެވެ.
"2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް ދެ މިލިއަން ފަހަނައަޅައި ދާނެކަމަށް އަންދާޒާކުރެވެއެވެ. އަދި 2023 ވަނަ އަހަރާ އަޅާބަލާއިރު ބެޑްނައިޓްސް 7.0 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވެއެވެ." ބަޖެޓް ފޮތުގައި ބުނެފައިވެއެވެ.
މީގެއިތުރުން ބަޖެޓް ފޮތުގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް 2025 ވަނަ އަހަރުގެ ތެރޭގައި އޮޕަރޭޓުކުރަން ފަށައި، އެއަރޕޯޓުގެ ކެޕޭސިޓީ އިތުރުވުމުން، ކުރީގެ އަހަރުތަކާ އަޅާބަލާއިރު، މެދު ރާސްތާގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާ މިންވަރު، އާންމު މިންވަރަށްވުރެ ދެގުނަ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން، 2025 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަންނާނެކަމަށް ލަފާކުރެވޭ މި ކުރިއެރުމާއެކު، 2026 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށްވުރެ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ބަޖެޓް ފޮތުގައި ފާހަގަ ކޮށްފައިވެއެވެ.