Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ

ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކޮށްފައިވާއިރު ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތްތަކަށް ބަޖެޓްގައި ވަނީ 4.4 މިލިއަން ރުފިޔާ ހިމަނާފައެވެ. މީގެތެރެއިން 2.4 މިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދުގެ ގޮތުގައި ބަޖެޓް ކޮށްފައިވާ ފައިސާއެވެ. އަދި 2 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ.

މިބައިގެ ދަށުން ހުރި ފާހަގަ ކޮށްލެވޭ އެކިއެކި ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފައިވުމެވެ.

ފުށިދިއްގަރުފަޅު ހިއްކާ އެތަނުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެގޮތުން ގުޅީފަޅު، ގިރާވަރު އަދި ފުށިދިއްގަރުފަޅު ހިއްކައިގެން މާލެ ސަރަހައްދުން އެކަނި 65،000 ގެދޮރު ގާއިމުކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުން ވެރިކަމުގެ ފުރަތަމަ ދެތިން މަސްތެރޭ ފަށާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައިވެއެވެ.

މީގެއިތުރުން ކައުންސިލްތަކަށް ދެވޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.2 ބިލިއަން ހިމަނާފައިވާއިރު، އެފްޑީސީއިން ހިންގާ ސޯޝަލް ހައުސިންއަށް 286 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކައުންސިލް އިމާރާތްކުރުމަށް 20 މިލިއަން ހިމަނާފައިވާއިރު 118 މިލިއަން ރުފިޔާ ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ތިމާވެށި ރައްކާތެރިކުރުމަށް 1.8 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް 8.9 ބިލިއަން ރުފިޔާވެސް ބަޖެޓް ކޮށްފައިވެއެވެ.