އަންނަ މަހުގެ 2 ގައި 58 އަހަރު ފުރޭ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ދައުވަތު ދީގެން އެ ހަފުލާ މުމްބާއީގައި ފޯރިގަދަކޮށް ބޭއްވުމުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. އެ ހަފުލާގައި ބައިވެރިވާނެ މީހުންގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރާއި ސަލްމާން ޚާނާއި ދީޕިކާ ޕަދްކޯނާއި އާލިއާ ބަޓާއި ކާޖޮލް އާއި ޝާހްރުކްގެ "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އާއި "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އިތުރުން ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ޑަންކީ" ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އިިތުރުން ވެސް މަޝްހޫރު އެތައް ބަޔަކު ހިމެނެ އެވެ.
މި އަހަރަކީ ޝާހްރުކަށް ވަރަށް ހާއްސަ އަހަރެކެވެ. ސަބަބަކީ 2018 ގެ ފިލްމު "ޒީރޯ" ބޮޑުތަނުން ފްލޮޕްވުމުން ފިލްމީ މަސައްކަތްތަކާ ދުރުގައި ހުންނަތާ ފަސް ވަރަކަށް އަހަރު ފަހުން، އެނބުރި އައިސް އިންޑިއާގެ ބޮކްސް އޮފީހަށް ގުޑުން އެރުވި ކާމިޔާބު ފިލްމުތަކެއް ޝާހްރުކް މި އަހަރު ބެލުންތެރިންނަށް ދޫކޮށްލުމެވެ. އެއީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އާއި މިދިޔަ މަހު ރިލީޒްކުރި "ޖަވާން" އެވެ.
މި ދެ އެކްޝަން ތުރިލާގެ ބޮޑު ކާމިޔާބީ އަށް ޑިސެމްބަރު 21 ގައި ގެނެސްދޭން ހަމަޖެހިފައިވާ "ޑަންކީ" އަކީ ސޯޝަލް ކޮމެޑީއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ޕޯސްޓަރާއި ޓީޒާ ޓްރެއިލާ ވެސް އުފަން ދުވަހު އާންމުކުރާނެ އެވެ.
ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި "ޑަންކީ" ވެސް ވަނީ "ތަޕާން" އާއި "ޖަވާން" އާ ކާމިޔާބު ފިލްމަކަށެވެ. މި ފިލްމަށް ބޮޑެތި އުންމީދުތަކެއް ކުރެވޭ މައިގަނޑު ސަބަބަކީ ހިރާނީގެ ފިލްމަކަށްވުމެވެ. އޭނަ އަކީ "ޕީކޭ" އާއި "3 އިޑިއަޓްސް" އަދި "މުންނާބާއީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.