Last Updated: July 24, 05:25
Friday, July 24, 2026
މުނިފޫހިފިލުވުން

"ކްރިޝް 4" އަށް ވެސް ޕްރިޔަންކާ ގެންނަނީ

ރިތިކް ރޯޝަންގެ ސުލަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ފިލްމުގެ ބަތަލާއަކަށް ވެސް ޕްރިޔަންކާ ޗޯޕްޅާ ގެންނަން ވާހަކަ ދެކެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން ޑައިރެކްޓަރު ރާކޭޝް ރޯޝަން ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމުގެ ބަތަލާއަކަށް ނަގަން ބޭނުން ވަނީ "ކްރިޝް" އާއި "ކްރިޝް 3" ގެސް ބަތަލާ އެވެ.

"ކްރިޝް 4" އަކީ ހޮލީވުޑްގެ ފެންވަރުގައ ހަދަން ޕްލޭންކޮށްފައިވާ ފިލްމަކަށްވެފައި، އިންޓަނޭޝަނަލް އޯޑިއަންސްގެ ސަމާލުކަން ފިލްމަށް ހޯދުމަށްޓަކައި ޕްރިޔަންކާ އަކީ އެންމެ ރަނގަޅު ހޮވުމަށް ވާނެ ކަމަށް ވެސް ރާކޭޝްއާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ. ސަބަބަކީ ޕްރިޔަންކާ އަކީ މިހާރު ހޮލީވުޑްގެ ނުފޫޒު ގަދަ ބަތަލާއަކަށް ވެސް ވުމެވެ.

ނަމަވެސް އޭނަ "ކްރިޝް 4" އެއްބަސްވާނެތޯ ނޫންތޯ އަދި އޮތީ ސުވާލުތަކެއްގެ ތެރޭގަ އެވެ. ސަބަބަކީ ޕްރިޔަންކާ އެންމެ ފަހުން ސޮއިކުރި ބޮލީވުޑްގެ ފިލްމު "ޖީ ލޭ ޒަރާ" އަށް އޭނަ އަށް ވަގުތު ދެވެން ނެތުމުން މިހާރު ވާނުވާގައި އޮތުމެވެ. މިއީ ޑައިރެކްޓަރު ފަރުހާން އަޚްތަރު 2021 ގައި އިއުލާންކުރި އެއްޗެކެވެ.

ނަމަވެސް ހޮލީވުޑްގެ ޕްރޮޖެކްޓްތަކެއްގައި ޕްރިޔަންކާ ބިޒީކޮށް އުޅޭތީ "ޖީ ލޭ ޒަރާ" ގެ ޝޫޓިން ފެށޭނެ އިރެއް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

"ކްރިޝް" އަކީ ދަރިފުޅު ރިތިކާ އެކީ ރާކޭޝް 2003 ގައި ގެނެސްދިން "ކޮއި…މިލް ގަޔާ" އިން ފައްކާކުރި ސުޕަހީރޯ ފްރެންޗައިޒެކެވެ. އެގޮތުން "ކްރިޝް" 2006 ގައި ގެނެސްދިނުމަށް ފަހު "ކްރިޝް 3" ގެނެސްދިނީ 2013 ގަ އެވެ.

"ކްރިޝް 3" ގެ ރޯލެއް ބަތަލާ ކަންގަނާ ރަނާވަތު ވެސް ކުޅުނެވެ.

މީގެ ހަތަރު ވަނަ ބައިގެ ބަތަލާއަކަށް ވާނީ ޕްރިޔަންކާ ކަމަށް ބުނެ ވާހަކަ ދެކެވެމުން އަންނަ އިރު "ކްރިޝް 4" ބަތަލާގެ ރޯލު ޖެކްލީން ފެނަންޑޭޒާއި ކްރިތީ ސެނަން އަށް ހުށަހެޅިކަމުގެ އަޑުތަކެއް ކުރިން އަރާފައިވެ އެވެ.