ފަލަސްތީނުގެ ގާޒާގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވުމުގެ އިތުރުން 150 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތައް ބިމާ ހަމަވެފައިވާއިރު ވެހިކަލްތައް ވެސް ވަނީ ހަލާކުވެފަ އެވެ. އަދި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަނިޔާ ލިބުނު މީހުން ކައިރި ހޮސްޕިޓަލުތަކަށް ގެންދިޔުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މި ހަމަލާ ރެފިއުޖީ ކޭމްޕަށް އަމާޒުކުރި ސަބަބެއް އިޒްރޭލުގެ އަސްކަރިއްޔާ އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.