Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ބޮލީވިއާ އިން އިޒްރޭލާ ގުޅުން ކަނޑާލައިފި

ބޮލީވިއާ ސަރުކާރުން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ނިންމައިފި އެވެ.

ބޮލީވިއާ ސަރުކާރުން ބުނީ އިޒްރޭލާ ގުޅުން ކަނޑާލަން ނިންމީ އެގައުމުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެންނެވެ. ހަނގުރާމަ ހުއްޓާލައި ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭން މީގެކުރިން ވެސް ތަކުރާރުކޮށް ގޮވާލާފައިވާނެ ކަމަށާއި އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔުމުގެ ބިރު އެބައޮތް ކަމަށްވެސް ބޮލީވިއާ ސަރުކާރުން ބުންޏެވެ.

ބޮލީވިއާ އަކީ އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށިފަހުން އެގައުމާ ގުޅުން ކަނޑާލި ފުރަތަމަ ގައުމެވެ.

އިޒްރޭލުން ގާޒާގައި ހިންގި ޖަރީމާތަކާ ގުޅިގެން 2009 ވަނަ އަހަރު ވެސް ބޮލީވިއާ އިން އިޒްރޭލާ ގުޅުން ކަނޑާލި އެވެ. ނަމަވެސް 2020 ވަނަ އަހަރުތެރޭ އެގައުމުން ވަނީ އަލުން އިޒްރޭލާ ގުޅުން ގާއިމުކޮށްފަ އެވެ.

ބޮލީވިއާގެ އިތުރުން ވެސް ދެކުނު އެމެރިކާގެ ގައުމުތަކުން އަންނަނީ އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކުރަމުންނެވެ. އޭގެތެރޭގައި ބްރެޒިލް އާއި ކޮލަމްބިއާ އަދި ކިއުބާ ފަދަ ގައުމުތައް ހިމެނެ އެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.