އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ރެފިއުޖީ ކޭމްޕަކަށް އިއްޔެ ދިން ހަމަލާގައި އަލްޖަޒީރާގެ މުވައްޒަފެއްގެ އާއިލާގެ 19 މެމްބަރަކު ޝަހީދުކޮށްލައިފި އެވެ.
ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާގައި ޝަހީދުކޮށްލާފައިވަނީ އަލްޖަޒީރާގައި އިންޖިނިއަރެއްގެ މަގާމު އަދާކުރަމުން އަންނަ މުހައްމަދު އަބޫ އަލް ގުމްސާންގެ އާއިލާގެ މެމްބަރުންނެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި މުހައްމަދުގެ ބައްޕަ އާއި ދެ ދައްތަ އާއި އޭނާގެ ބޭބެ އާއި ބޭބެގެ އަންހެނުންނާއި އެމީހުންގެ ހަތަރު ދަރިން ވެސް ހިމެނެ އެވެ.
އިޒްރޭލުގެ ޖަރީމާ ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި އަލްޖަޒީރާ އިން ބުނީ އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކަށް އެގައުމު ޖަވާބުދާރީ ނުކުރެވި ގޮސްގެން ނުވާނެ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައު އިން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މުހައްމަދު އާއި އޭނާގެ އާއިލާ ފަދައިން ގާޒާ އިން ޝަހީދުވެފައިވާ އެތައް ހާއްސަ މީހުންނަށް އިންސާފު ހޯދައިދޭންޖެހޭ ކަމަށެވެ.
Al Jazeera denounces the Israeli massacre that killed 19 family members of Al Jazeera’s SNG engineer Mohamed Abu Al-Qumsan in Gaza's Jabalia refugee camp. pic.twitter.com/NNHHY89hU7
— Al Jazeera English (@AJEnglish) October 31, 2023
އިޒްރޭލުން މިދިޔަ މަހުގެ ފަހުކޮޅު ގާޒާ އަށް ދިން ވައިގެ ހަމަލާއެއްގައި ވަނީ އަލް ޖަޒީރާ އަރަބި ޗެނަލްގެ ނޫސްވެރިޔާ ވާއިލް ދަހްދޫހްގެ އާއިލާ ވެސް ޝަހީދުކޮށްލާފަ އެވެ. މި ހަމަލާގައި ވާއިލްގެ އަންހެނުންނާއި އަންހެން ދަރިއަކާއި ފިރިހެން ދަރިއަކާއި ކާފަ ކިޔާ ފިރިހެން ދަރިއަކު ވެސް ވަނީ ޝަހީދުވެފަ އެވެ.
ރެފިއުޖީ ކޭމްޕަށް އިޒްރޭލުން އިއްޔެ ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އިޒްރޭލުން މި ހަމަލާ އެތަނަށް ދީފައިވަނީ ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ރެފިއުޖީ ކޭމްޕުގައި ހުރި ކަމަށް ބުނެ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރަމުންދާއިރު މިހާރު ކުރިއަށްދަނީ ހަނގުރާމައިގެ ދެވަނަ ފިޔަވަހި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ބުނެފަ އެވެ.