ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނިންމެވުމަށް ވައުދުވެވަޑައިގެންނެވި މާލެ – ވިލިނގިލި – ތިލަފުށި ގުޅުވާލާ، ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 827 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން އިއްޔެ އާންމު ކޮށްފައިވާއިރު އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދަށް ވަނީ ޖުމުލަ 8.9 ބިލިއަން ރުފިޔާ ހިމަނާފައެވެ. މީގެތެރެއިން ތިލަމާލެ ބްރިޖަށް ވަނީ 827 މިލިއަން ރުފިޔާ ހިމަނާފައެވެ.
މީގެއިތުރުން އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ، އެސްއޯއީތަކަށް ކެޕިޓަލް ދޫކުރުމަށް 942 މިލިއަން ރުފިޔާ، މަގުހެދުމަށް 565 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މީގެއިތުރުން ގުޅީފަޅު ޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަށް 527 މިލިއަން ރުފިޔާ އަދި އެއާޕޯޓްތައް އެޅުމަށާއި ތަރައްގީ ކުރުމަށް 462 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ތިމާވެށި ރައްކާތެރިކުރުމަށް 1.8 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތްތަކަށް ބަޖެޓްގައި ވަނީ 4.4 މިލިއަން ރުފިޔާ ހިމަނާފައެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތާ ހަވާލުވެފައި ވަނީ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ލިމިޓެޑެވެ. ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެފްކޮންސްއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ.
ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލެވިގެންދާ މި ޕްރޮޖެކްޓާ ގުޅޭގޮތުން ރައީސް ސޯލިހް މި އަހަރުގެ ޖުލައި މަހުގައި ވިދާޅުވީ ބްރިޖްގެ މަސައްކަތް އަންނަ އަހަރު ނިމި ބޭނުން ކުރަން ފެށޭނެ ކަމަށެވެ.
މި ބްރިޖްގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މި މަޝްރޫއަށް ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ޕްރޮޖެކްޓަށް ހޭދަކުރެ އެވެ.