Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ނަހުލާ އަށް "ރެހެންދި" އެވޯޑް

ކާމިޔާބު ޑައިރެކްޓަރު ފާތުމަތު ނަހުލާ އަށް "ރެހެންދި" އެވޯޑް އަރުވައިފި އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ހަފުލާގައި އެ އެވޯޑް ނަހުލާ އާ ހަވާލުކޮށް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ގިނަ ވާހަކަތަކެއް ވެސް ނެރެފައިވާ ނަހުލާއަކީ ލިއުންތެރިކަމުގެ ދާއިރާ އިން ވެސް ހިތްވަރު ދިނުމުގެ އިނާމް 1998 ވަނަ އަހަރު ލިބިފައިވާ ފަރާތެކެވެ.

ނަހުލާ އަށް "ރެހެންދި" އެވޯޑު ލިބުނީ، ލިޔުންތެރިކަމާއި ފިލްމު އުފައްދައިގެން މުޖުތަމައު ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށްފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ނަހުލާ އުފައްދާ ގިނަ ފިލްމާއި ޑްރާމާތަކަކީ އިޖުތިމާއީ މައްސަލަކަށް ލޯ ހުޅުވައި ދިނުމަށް އުފައްދާ އުފެއްދުންތަކެވެ. އަދި މުނިފޫހިފިލުވުމުގެ ދާއިރާ އިން މީހުން ތަމްރީންކުރުމާއި ލިޔުންތެރިކަމުގެ ރޮނގުން ދަރިވަރުން ކުރިއަރުވަން ނަހުލާ މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓްރީގެ ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވެ އެވެ.

ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ ޑްރާމާއެއް ޓީވީއެމުން މިހާރު ވެސް އަންނަނީ ދައްކަމުންނެވެ.

އެއީ 15 އެޕިސޯޑްގެ "ވަކިވުމުގެ ކުރިން" އެވެ. މި ޑްރާމާ ނިމުމުން ދައްކަން އާ ޑްރާމެއްގެ މަސައްކަތް ވެސް އޭނާ މިހާރު އަންނަނީ ކުރަމުންނެވެ. އެއީ 13 އެޕިސޯޑްގެ "އުމުރަށް ސަލާން" އެވެ.

ނަހުލާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ފަހު ނޭވާ"، "ކަލާޔާ ނުލާ"، "ޒުލޭހާ"، "ނާއުންމީދު" އަދި ޔޫސުފް" ހިމެނެ އެވެ.

އޭނާ ލިޔެ، ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "މި ހަށިން ފުރާނަ ދަންދެން"، "ހެޔޮނުވާނެ"، "ލޯބި ނުވި ނަމަ" އަދި "ވީރާނާ" ފަދަ ފިލްމްތައް ހިމެނެ އެވެ.

nhjh

ކުރިން ޓީޗަރެއްގެ ގޮތުގައި މަަސައްކަތް ކުރި ނަހުލާގެ ވާހަކަތަކަށް އެހެން ޑައިރެކްޓަރުން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ހިނިތުން"، "އެ ތޫފާނީ ރޭ"، "ސާހިބާ" އަދި "މާޒީ"، "އުމުރަށް" އަދި "ފުން އަސަރު" ފަދަ އަސަރުގަދަ ފިލްމްތައް ހިމެނެ އެވެ.

އޭނާ ލިއުނު މަޝްހޫރު ވާހަކަތަކުގެ ތެރޭގައި "އަސަރު"، "މަންޖެ"، "ރަތްވިލާ"، "ގުރުބާނީ" "ހޮނުގުގުރި"، "ހިތް ދީފިން"، "ކެތްކުރީން" ފަދަ ވާހަކަތައް ހިމެނެ އެވެ.

ކުރިން "އާފަތިސް" ނޫހަށް ވާހަކަ ލިއުނު ނަހުލާއަކީ މިހާރު ވެސް ސަން އޮންލައިނަށް ވާހަކަ ލިޔަމުން އަންނަ ފަރާތެކެވެ.

ނަހުލާގެ ކުރިއަށް އޮތް ފީޗާ ފިލްމަކީ ދާދި ފަހުން ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ "އެ ކޮއި" އެވެ.