މިސް ވޯލްޑެކެވެ. ފިލްމީ ބަތަލާއެކެވެ. އެތައް ބައެއްގެ ލޯބި ލިބިފައިވާ މީހެކެވެ. އަންބެކެވެ. މައެކެވެ. މިއަދު އުމުރުން 50 އަހަރުވީ އެވެ. އެކަމަކު ރީތިކަމާއި ޗާލު ކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ. މިއީ އިންޑިއާގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ވާހަކަ އެވެ.
އޭނަ މިހާރު ފިލްމުތަކުން ފެންނަލެއް ވަރަށް މަދެވެ. އެކަމާ ޝަކުވާކުރާ ފޭނުން ގިނަ އެވެ. އެކަމަކު ފިލްމީ މަސައްކަތްތަކަށް ވުރެ ބޮޑް އައިޝްވާރިއާގެ ފޯކަސް މިހާރު ހުރީ ބޮޑުވަމުން އަންނަ އަންހެން ދަރިފުޅު އަރާދިއާ ބައްޗަން، 12 އަށެވެ. މަޝްހޫރު ތަރި، އަމީތާބް ބައްޗަންގެ ދަރިފުޅު އަބީޝެކް ބައްޗަނާއި އައިޝްވާރިއާ ކައިވެނިކުރީ 2007 ގަ އެވެ. ދެ ތަރިން އެކީގައި ފިލްމުތަކެއް ވެސް ކުޅުނެވެ. އޭގެ ތެރޭގައި "ކުޗް ނާ ކަހޯ"، "ގުރޫ"، "ދޫމް 2" އަދި "ރާވަން" ހިމެނެ އެވެ.
އަބީޝެކާ ކައިވެނި ކުރުމުގެ ކުރިން އެހެން ދެ އެކްޓަރަކާ ވެސް އައިޝްވާރިއާ ރައްޓެހިވި އެވެ. އެއީ ސަލްމާން ޚާނާއި ވިވެކް އޮބެރޯއީއާ އެވެ. އެ ދެ މީހުންނާ އެކީ ވެސް އޭނަ ފިލްމުތަކެއް ކުޅެ އެވެ. އައިޝްވާރިއާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެެއް ފިލްމު ކަމަށްވާ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ސަލްމާނާ އެކީ ކުޅުނު ފިލްމެކެވެ.
މިސް ވޯލްޑްގެ ތާޖު 1994 ގައި ހާސިލުކޮށް އައިޝްވާރިއާ އެކްޓިން އަށް ނުކުތީ 1997 ގެ ތަމަޅަ ފިލްމު "އިރުވަރު" އެވެ. އޭގެ ޑައިރެކްޓަރަކީ އޭނަގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ މި އަހަރުގެ އެޕްރީލްގައި ގެނެސްދިން ޕޮނިޔިން ސެލްވަން (ޕީއެސް) 2 ގެ ޑައިރެކްޓަރު މަނީ ރަތުނަމެވެ.
އައިޝްވާރިއާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ބޮބީ ޑިއޯލްއާ އެކީ ކުޅުނު 1997 ގެ "އޯރް…ޕިޔާރު ހޯ ގަޔާ" އެވެ.
އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ގްރޫ"، "ތާލް"، "ދޭވްދާސް" އަދި "ދޫމް 2" ހިމެނެ އެވެ. އައިޝްވާރިއާ އަކީ ކެރިއަރުގެ ކުރީކޮޅު ހޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅުނު ބަތަލާއެކެވެ. އޭގެ ތެރޭގައި "ބްރައިޑް އެންޑް ޕްރެޖުޑައިސް" އާއި "ޕިންކް ޕެންތާ 2" ފާހަގަކޮށްލެވެ އެވެ.
މި ވަގުތު އައިޝްވާރިއާގައި އެއްވެސް ފިލްމެއް ނެތެވެ. އަދި އޭނަ އާ ފިލްމަކަށް ސޮއިކުރިކަމުގެ އިޝާރާތެއް ވެސް ނެތެވެ.