Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހު ފަށަނީ

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:45 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ އެމައްސަލަ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ހަފްތާ އާދިއްތަ ދުވަހަށް އަދި މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިނަމަވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާން ފޮނުވާފައި އޮތުމުންނެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން ޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.