އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރަން މި މަހު ބާއްވާ ރަސްމިއްޔާތަށް އިތުރު 1،000 މީހަކަށް ދައުވަތު ދޭން ނިންމައިފި އެވެ.
އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އެ ރަސްމިއްޔާތުގެ ހާއްސަ ދައުވަތު ރައްޔިތުންގެ މަޖިލީހުން 3،500 މީހުންނަށް ދިނުމަށް ނިންމާފައިވާ އިރު އާންމުކޮށް ހުޅުވާލައިގެން އިތުރު 1،000 މީހަކަށް ދައުވަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މަހުގެ 17 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ހުވާކުރުމުގެ ރަސްމިއްޔާތަށް ހޭދަކުރަން ހަމަޖެހިފައި ވަނީ 22.9 މިލިއަން ރުފިޔާ އެވެ. އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ ރަސްމިއްޔާތަށް އެންމެ ފުރަތަމަ ކަނޑައެޅި 29 މިލިއަން ރުފިޔާގެ ބަޖެޓް ދަށްކުރީ އެ އަދަދުި މާ ބޮޑު ކަމަށް މުއިއްޒަށް ފެނިވަޑައިގަތުމުން ކަމަށެވެ.
ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ 17 ވަނަ ދުވަހުގެ ހަވީރު އެވެ.