Last Updated: July 24, 05:25
Friday, July 24, 2026
މުނިފޫހިފިލުވުން

ރަންބީރްގެ ދައްތަ ރިދިމާ ސީރީޒަކަށް

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންރީބް ކަޕޫރްގެ ދައްތަ ރިދިމާ ކަޕޫރް ވެބް ސީރީޒަކަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިހާތަނަށް ފިލްމީ އެއްވެސް ކަމެއްގައި ހިއްސާނުވާ، ގަހަނާ ޑިޒައިނަރު އެއްބަސްވި ސީރީޒަކީ ނެޓްފްލިކްސް އިން މީގެ ކުރިން ދެ ސީޒަނެއް ގެނެސްދިން "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ކުރިއަށް އޮތް ސީޒަން ކަމަށެވެ. މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިިގެން ގެނެސްދޭ އެއްޗެކެވެ.

"ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ގައި ދައްކުވައި ދެނީ ފިލްމު އިންޑަސްޓްރީ އަށް ނިސްބަތްވާ ބައެއްގެ އަނބިންތަކެއްގެ ޕޮޝް ލައިސްޓައިލެވެ. އެގޮތުން ކުރީގެ ދެ ސީޒަންގައި ކުރީގެ ބަތަލާ ނީލަމް ކޮތަރީ އާއި ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޚާންގެ ކުރީގެ އަންހެނުން ސީމާ ސަޖްދޭ އާއި އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރްގެ އިތުރުން އެކްޓަރު ޗަންކީ ޕާންޑޭގެ އަންހެނުން އަދި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ މަންމަ ބާވްނާ ޕާންޑޭ ހިއްސާވެފައިވެ އެވެ.

މީޑިއާތަކުން ބުނީ ރިދިމާއާ އެކީ ގެނެސްދޭ ސީޒަންގައި ޕާސްކޯ ގްރޫޕްގެ އެޑްވައިޒަރު އަދި ކްރިއޭޓިވް ޑިޒައިނަރު ޝާލިނީ ލަސީގެ އިތުރުން ލަގްޒަރީ ފަރްނީޗަރު ބްރޭންޑެއްގައި ހިއްސާވާ ސީއީއޯ ކަލިއާނޫ ސާހާ ޗާވްލާ ބައިވެރިވާނެ ކަމަށެވެ.

ރިދިމާ، 43، ގެ އާއިލާގެ ގިނަ މީހުންނަކީ ފިލްމީ ތަރިން ކަމަށް ވިޔަސް، އޭނަ އަކީ އަބަދު ވެސް ފިލްމީ ކަންކަމާ މުޅިން ދުރުގައި އުޅޭ މީހެކެވެ. އުމުރުން 12 އަހަރުގެ އަންހެން ދަރިއަކު ވެސް ހުރި ރިދިމާ ނިއު ދިއްލީގެ ވިޔަފާވެރިއަކާ ކައިވެނިކޮށްގެން ދިރިއުޅެނީ އެތަނުގަ އެވެ.

ރިދިމާ އާއި ރަންބީރަކީ މަރުވެފައިވާ އެކްޓަރު ރިޝީ ކަޕޫރާއި ބަތަލާ ނީތޫ ސިންގުގެ ދެ ދަރިންނެވެ.