ޣައްޒާގެ ގިނަ ބަޔަކު ދިރިއުޅެމުންދާ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގައި ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ އެތަކެއް ރައްޔިތުންނެއް ވަނީ ޒަޚަމްވެފައިވާ ކަމަށެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ ފަލަސްތީނުގެ އާންމު ރައްޔިޔުންނާ ދެކޮޅަށް އިޒްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ޤާނޫނުތަކާ ހިލާފު އަމަލުތަކެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
"ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމަށާއި އދ.ގެ އާންމު މަޖިލީހުން 27 އޮކްޓޫބަރު 2023 ގައި ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކޮށް، ފަލަސްޠީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ." ދިވެހި ސަރުކާރުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޖަބަލިން ރެފިއުޖީ ކޭމްޕަށް އިޒްރޭލުންދިން ހަމަލާގައި 100 އަށްވުރެއް ގިނަ މީހުން ޝަހީދުކޮށްލާ 400 އަށްވުރެއް ގިނަ މީހުން ޒަހަމް ކޮށްލާފައިވެއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމުގައި ފަލަސްތީނުގެ 8600 އަށްވުރެއް ގިނަ ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. އަދި މި ހަމަލާތަކުގައި 23،500 އަށްވުރެއް ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ.