ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުދާތީ އެމްޑީޕީގެ މެންބަރުން މަޖިލީހުގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ.
އެމްޑީޕީގެ މެންބަރުން މަޖިލީހުގައި މިއަދު އިހުތިޖާޖުކޮށްފައިވަނީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށްފަހުއެވެ.
އެގޮތުން މި އިހުތިޖާޖުގައި އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ނަޝީދަކީ މިހާރު ޤާނޫނީގޮތުން މަޖިލީހުގެ ރައީސް ނޫންކަމަށް ބުނާ ފޮތިގަނޑެއް ގެންގުޅެފައެވެ. އަދި މި އިހުތިޖާޖުގައި އެ މެންބަރުން ވަނީ މެޖޯރިޓީގެ ނިންމުމަށް އިޚުތިރާމުކޮށް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.
އެމްޑީޕީގެ މެންބަރުން ގެންގުޅުނު ފޮތިގަނޑުގައި ލިޔެފައިވާ ވާހަކައަކީ 2017 ވަނަ އަހަރު އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ރައީސް ނަޝީދު މަސީހުގެ އިސްތިއުފާއަށް ގޮވާލާ ކުރެއްވި ޓްވީޓްގައިވާ ވާހަކައެވެ.
އެމްޑީޕީގެ 49 މެންބަރަކު ސޮއި ކުރައްވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް އާދީއްތަ ދުވަހު އަދި މިއަދު މަޖިލީހުގެ އިދާރާއިން މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް އެ ޖަލްސާތައް ކުރިއަށް ގެންދެވިފައިނުވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޑެންގޫ ހުން ޖެހިވަޑައިގެން އުޅުއްވާތީ މަޖިލީހަށް ސަލާން ފޮނުވާފައި އޮތުމުންނެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދާނަމަ މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމާފައެވެ.