ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މާދަމާ ޖަލްސާއެއް ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލީޙުގެ އިދާރާގައި އެދުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފިއެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން އެގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ 49 މެންބަރަކު ސޮއި ކުރައްވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް އާދީއްތަ ދުވަހު އަދި މިއަދު މަޖިލީހުގެ އިދާރާއިން މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް އެ ޖަލްސާތައް ކުރިއަށް ގެންދެވިފައިނުވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޑެންގޫ ހުން ޖެހިވަޑައިގެން އުޅުއްވާތީ މަޖިލީހަށް ސަލާން ފޮނުވާފައި އޮތުމުންނެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދާނަމަ މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމާފައެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގެ މަސައްކަތް ކުރިއަށް ނުދާތީ އެމްޑީޕީގެ ފަރާތުން ވަނީ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ.