އިޒްރޭލަށް ތެޔޮ ފޯރުކޮށްދިނުން މުސްލިމު ގައުމުތަކުން ހުއްޓާލަންޖެހޭ ކަމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.
އިރާނުގެ ވެރިރަށް ތެހްރާނުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަމުން ހާމަނާއީ ވިދާޅުވީ މުސްލިމު ގައުމުތަކުން އިޒްރޭލަށް އިގްތިސާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލަންޖެހޭ ކަމަށާއި އެގޮތުން ތެލާއި ކާބޯތަކެތި ފޯރުކޮށްދިނުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވަން މުސްލިމް ގައުމުތަކުގެ ސަރުކާރުތަކުން ބާރުއަޅަންޖެހޭ ކަމަށްވެސް ހާމަނައީ ވިދާޅުވި އެވެ.
ހާމަނާއީ ވަނީ ފަލަސްތީނުގެ ގާޒާ އަށް ދުއްތުރާ ޖައްސަމުން އަންނަނީ ހަމައެކަނި އިޒްރޭލުން ނޫން ކަމަށާއި ހުޅަނގުގެ ގައުމުތަކުން ވެސް މި ޖަރީމާގައި ބައިވެރިވާކަން ހަނދާންކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރަމުންދާއިރު އެގައުމުން އިއްޔެ ވަނީ ގާޒާގެ ރެފިއުޖީ ކޭމްޕަކަށް ވައިގެ ހަމަލާއެއްދީ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ. އިޒްރޭލުން މި ހަމަލާ އެތަނަށް ދީފައިވަނީ ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ރެފިއުޖީ ކޭމްޕުގައި ހުރި ކަމަށް ބުނެ އެވެ.
ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އަދި މިވަގުތު ހަނގުރާމަ ހުއްޓާލައިފިނަމަ އެކަމުން ފައިދާވާނީ ހަމާސް ޖަމާއަތަށް ކަމަށްވެސް އެމެރިކާ އިން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.