Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އަނެއްކާ ވެސް ބޮން އަޅައިފި

ފަލަސްތީނުގެ ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން އަނެއްކާވެސް ބޮން އަޅައިފި އެވެ.

މިއީ ފާއިތުވި 24 ގަޑިއިރުތެރޭ އިޒްރޭލުން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ދެވަނަ ހަމަލާ އެވެ. އެގޮތުން އިއްޔެ ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން މި ހަމަލާ އެތަނަށް އިއްޔެ ދިނީ ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ރެފިއުޖީ ކޭމްޕުގައި ހުރި ކަމަށް ބުނެ އެވެ.

އިޒްރޭލުން މިއަދު ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތައް އެއްކޮށް ބިމާ ހަމަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާ ދިނުމުގެ އިރުކޮޅެއް ކުރިން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އިޒްރޭލުން އިންޒާރުގެ ކަރުދާސްތަކެއް މަގުމައްޗަށް އަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޖަބަލިއާ ރެފިއުޖީ ކޭމްޕަކީ ގާޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރަމުންދާއިރު މިހާރު ކުރިއަށްދަނީ ހަނގުރާމައިގެ ދެވަނަ ފިޔަވަހި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ބުނެފަ އެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.