Last Updated: July 24, 05:25
Friday, July 24, 2026
މުނިފޫހިފިލުވުން

އިޝާންގެ "ޕިއްޕާ" މި މަހުގެ 10 ގައި

އިންޑިއާގެ ޒުވާން އެކްޓަރު އިޝާން ހައްތަރުގެ ވަތަނީ ފިލްމު "ޕިއްޕާ" ސިނަމާތަކަށް ނުގެނެސް މި މަހުގެ 10 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި ފިލްމުގެ ޓްރެއިލާ ވެސް މިއަދު ދައްކާލައިފި އެވެ.

މި ފިލްމު ކުރިން ބެލުންތެރިންނަށް ދޫކޮށްލާ ގޮތަށް އޮތީ އަންނަ މަހުގެ ތެރޭގައި ސިނަމާތަކުގަ އެވެ. ނަމަވެސް ފިލްމުގެ ޓީމުން މިހާރު ނިންމީ ޑިޖިޓަލް ޕްރީމިއާއަކަށް ދާށެވެ. "ޕިއްޕާ" އަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތޭޖާސް" ގެ ވެސް ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ އިތުރުން ބަތަލާ ވިދިއާ ބަލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ރާޖާ އަކީ އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި ސައިފް އަލީ ޚާންގެ "ޝެފް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

"ޕިއްޕާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ބްރިގޭޑިއާ ބަލްރާމް ސިންގްގެ ރޯލު އިޝާން ކުޅެފައިވާ އެއްޗެކެވެ. ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާނާ އެކީ މި ފިލްމުގެ ބަތަލާގެ ރޯލު ކުޅުނީ ޝާހިދުގެ "ޖާޒީ" ގެ ބަތަލާ މުރްނާލް ތާކޫރެވެ.

އިޝާން، 28، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ފޯންބޫތު" އެވެ.