Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާގެ ހަމައެކަނި ކެންސަރު ހޮސްޕިޓަލް ބަންދުކޮށްފި

ފަލަސްތީނުގެ ގާޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލު ބަންދުކޮށްފި އެވެ.

ގާޒާގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލަކީ ޓާކިޝް-ޕަލަސްޓީނިޔަން ފްރެންޑްޝިޕް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލު ބަންދުކުރީ އެތަނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތެޔޮ ހުސްވުމާ ގުޅިގެންނެވެ.

ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ބޯޑަރު ހުޅުވާލި ނަމަވެސް އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން މަނާކޮށްފަ އެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ.

ޓަރކިޝް-ޕަލަސްޓީނިޔަން ފްރެންޑްޝިޕް ހޮސްޕިޓަލުގެ ޑިރެކްޓަރު ސުބްހީ ސްކީކް ވިދާޅުވީ އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާކުރަމުންދިޔަ ބަލި މީހުން މަރުވާން ދޫކޮށް ނުލުމަށް ދުނިޔޭގެ ކިބައިން އާދޭހާއެކު އެދޭ ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓަރު މައި އަލް ކައިލާ ވަނީ ހޮސްޕިޓަލު ބަންދުކުރުމާ ގުޅިގެން އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ 70 ބަލި މީހެއްގެ ފުރާނަ ނުރައްކަލަށް މިހާރު ހުށަހެޅިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރަމުންދާއިރު އެގައުމުން މިދިޔަ އަންގާރަ ދުވަހު ވަނީ ގާޒާގެ ރެފިއުޖީ ކޭމްޕަކަށް ވައިގެ ހަމަލާއެއްދީ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ. އިޒްރޭލުން މި ހަމަލާ އެތަނަށް ދީފައިވަނީ ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ރެފިއުޖީ ކޭމްޕުގައި ހުރި ކަމަށް ބުނެ އެވެ. އަދި އިއްޔެ ވެސް އިޒްރޭލުން ވަނީ އެ ރެފިއުޖީ ކޭމްޕަށް ބޮން އަޅައިފަ އެވެ.

ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އަދި މިވަގުތު ހަނގުރާމަ ހުއްޓާލައިފިނަމަ އެކަމުން ފައިދާވާނީ ހަމާސް ޖަމާއަތަށް ކަމަށްވެސް އެމެރިކާ އިން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.