Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ފަލަސްތީނުގެ 1،000 ކުއްޖަކަށް ޔޫއޭއީން އެހީވަނީ

ފަލަސްތީނުގެ 1،000 ކުއްޖަކަށް ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދޭން ޔޫއޭއީ އިން ނިންމައިފި އެވެ.

އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނީ ފަލަސްތީނުގެ 1،000 ކުއްޖެއްގެ ސިއްހީ ފަރުވާގެ ކަންކަން ޔޫއޭއީގައި ކުރިއަށް ގެންދަން ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ފަރުވާގެ ކަންކަން ނިމެންދެން އެ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ޔޫއޭއީގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަން ވެސް ވަނީ އަންގަވާފަ އެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމަށް ޔޫއޭއީ އިން ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ވެސް ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ބުނެ އެވެ.

ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން

ޔޫއޭއީ އިން މީގެ ކުރިން ވަނީ ފަލަސްތީނަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު މީގެތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެގޮތުން ހަނގުރާމައިގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފަ އެވެ.