Last Updated: May 9, 14:09
Friday, May 9, 2025
ކުޅިވަރު

ނިއުކާސަލުން ޔުނައިޓެޑް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގައި ރޭ އެންމެ ފަހުގެ ރަނަރަފް ނިއުކާސަލް ޔުނައިޓެޑުން، 3-0 އިން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މުބާރާތުން ކަޓުވާލައިފި އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ޖާގަ ދީފައިވެ އެވެ. އޭގެތެރޭގައި ކަސެމީރޯ އާއި މޭސަން މައުންޓް އަދި އެންޓޮނީ ހިމެނެ އެވެ.

ނިއުކާސަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ނިއުކާސަލަށް ކާމިޔާބުކޮށްދިނީ މިގެލް އަލްމިރޮން އެވެ. އަލްމިރޮން މި ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ބޯޅައާއެކު ވަދެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. އަދި މެޗުގެ 36 ވަނަ މިނެޓްގައި ލުވިސް ހޯލް ނިއުކާސަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ޔުނައިޓެޑްގެ މެދުތެރެއިން ސޯފްޔަން އަމްރަބަތަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 60 ވަނަ މިނެޓްގައި ނިއުކާސަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖޯ ވިލޮކް އެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ވިލޮކް ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

މިއީ 1972 ވަނަ އަހަރަށް ފަހު ޔުނައިޓެޑްގެ ދަނޑުގައި ކުޅެ ނިއުކާސަލުން ހޯދި ފުރަތަމަ މޮޅެވެ. މި ސީޒަނުގައި ޔުނައިޓެޑުން ކުޅުނު 15 މެޗުގެ ތެރެއިން އަށް މެޗުން ވަނީ ބަލިވެފަ އެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި ނިއުކާސަލް ބައްދަލުކުރާނީ ބްލެކްބާން ރޯވާސްގެ މައްޗަށް 2-0 އިން ކުރި ހޯދި ޗެލްސީއާ އެވެ. މި މެޗުގައި ޗެލްސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބެނޯއި ބަޑިއަޝީލް އާއި ރަހީމް ސްޓާލިން އެވެ.

ލީގު ކަޕްގައި ލިވަޕޫން ރޭ 2-1 އިން ބޯންމަތް ބަލިކޮށް ކުއާޓާ އިން ޖާގަ ހޯދިއިރު އެޓީމު ކުއާޓާގައި ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާ އެވެ. ވެސްޓްހަމުން ކުއާޓާ އިން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި އާސެނަލް 3-1 އިން ބަލިކުރުމަށްފަހު އެވެ. ލީގު ކަޕްގެ ކުއާޓާގައި ދެން ބައްދަލުކުރާނީ ޕޯޓްވޭލް އާއި މިޑިލްސްބޮރޯ އެވެ.