ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ 58 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނަގެ އެންމެ ފަހުގެ ފިލްމު "ޖަވާން" ހަދިޔާއެއްގެ ގޮތުގައި މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
މި ފިލްމަކީ މި އަހަރުވި އިންޑިއާގެ އެންމެ ކާމިޔާބު ފިލްމެވެ. ސެޕްޓެމްބަރު މަހުގެ 7 ގައި ރިލީޒްކުރި ގޮތަށް އަދިވެސް "ޖަވާން" ގެ ފޯރި ސިނަމާތަކުގައި ކެނޑިގެން ނުދާ އިރު، މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި 140 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޝާހްރުކްގެ އަމިއްލަ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ މި އެކްޝަން ތުރިލާ، ތަމަޅަ ޑައިރެކްޓަރު އެޓްލީ ހެދީ 38 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"ޖަވާން" އަކީ މި އަހަރު ރިލީޒްވި ޝާހްރުކްގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި އެކްޝަން ތުރިލާ "ޕަތާން" އެވެ. މި ދެ ފިލްމު ވެސް ހިމެނިފައި ވަނީ ޝާހްރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގަ އެވެ.
"ޖަވާން" މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލި އިރު އަންނަ މަހުގެ 21 ގައި އޭނަގެ ތިން ވަނަ "ޑަންކީ" ސިނަމާތަކަށް އަންނާނެ އެވެ. ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ މި ފިލްމަކީ ހިޖުރަކުރުމާ ގުޅޭ ސޯޝަލް ކޮމެޑީއެކެވެ.