Last Updated: July 24, 05:25
Friday, July 24, 2026
މުނިފޫހިފިލުވުން

އަލިޒޭގެ "ފަރޭ" ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ތަރި ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ފަރޭ" ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 24 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމުގެ ޓްރެއިލާ އާންމުކުރީ އިއްޔެ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ސަލްމާން ވެސް ބައިވެރިވި، އެ ހަފުލާގައި އަލިޒޭ ބުނީ "ފަރޭ" އަކީ ބެލުންތެރިން ވަރަށް އުންމީދު ނުކުރާ ކަހަލަ ފިލްމަކަށް ވާނެ ކަމަށާއި އޭނަ ކަހަލަ ފަންނާނަކަށް އާންމުންގެ ސަމާލުކަން ވެސް ލިބޭނީ ތަފާތު އެއްޗެއް ގެނެސްދީގެން ކަމަށް ބުންޏެވެ.

އެހެންވެ ފިލްމާ ދޭތެރޭ ވަރަށް އުފަލުން ހުރި ކަމަށާއި އެކަމަކު އަލަތު ފިލްމަކަށް ބެލުންތެރިން ފިލްމު ބަލައިގަންނާނެ ގޮތެއް ނޭނގޭތީ ކަންބޮޑުވެ، ހިތް ނުތަނަސްވެފައިވާ ކަމަށް ބުންޏެވެ.

"ހަމަ ގައިމު ވެސް ފިލްމާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ. ފަރޭ ކުޅެން އެއްބަސްވީ ވެސް މީގެ ތަފާތުކަމާ ހުރެ،" އަލިޒޭ ބުންޏެވެ. "ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާތީ އުފަލާ އެކީ ނާވަސް ވެސް ވެފައި މި ހުންނަނީ."

އަލިޒޭ އަކީ ސަލްމާންގެ ކޮއްކޮ އަލްވިރާ ޚާނާއި ކުރީގެ އެކްޓަރު މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީގެ ދަރިއެކެވެ. އަދި އަލިޒޭ އަކީ ސަލްމާންގެ އާއިލާ އިން ފިލްމީ ދާއިރާ އަށް ނުކުންނަ ފުރަތަމަ އަންހެން ފަންނާނެވެ.

"ފަރޭ" އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސޯމެންދުރަ ޕަދީ ޑައިރެކްޓްކޮށްފައިވާ ތުރިލާއެކެވެ. މީގައި އަލިޒޭއާ އެކީ މައިގަނޑު ގޮތެއްގައި ހިމެނީ އާ ކާސްޓެކެވެ. އެކަމަކު "ފަރޭ" އިން ރޯނިތު ރޯއި (ބަޖާޖު) އާއި ޖޫހީ ބައްބަރު ވެސް ފެންނާނެ އެވެ.