އަންނަ އަހަރުގެ އެންމެ އުންމީދީ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ފައިޓާ" ގެ ޝޫޓިން ނިންމާލައިފި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި މި އޭރިއަލް އެކްޝަން ތުރިލާގެ ޝޫޓިން ނިމުނު ވާހަކަ ރިތިކް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. މި އަހަރު ގެނެސްދިން ޝާހްރުކް ޚާންގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދޭ "ފައިޓާ" އަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭ އެއްޗެކެވެ.

ރިތިކާއި ދީޕިކާގެ ޖޯޑު އެކީގައި އަލަށް ފެންނާނެ މި ފިލްމުގައި އެ ތަރިން ކުޅެފައި ވަނީ ޕައިލެޓުންގެ ރޯލެވެ. "ފައިޓާ" ގެ ޝޫޓިން މި ހަފުތާގައި ނިންމައިލި އިރު، މިދިިޔަ މަހުގެ ތެރޭގައި މީގެ ލަވައެއްގެ މަންޒަރުތައް އިޓަލީގައި ވެސް ނަގާފައިވެ އެވެ. މި ފިލްމަކީ ސިދާތާ އެކީ ރިތިކާއި ދީޕިކާ ވެސް މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ.
ސިދާތާ އެކީ ރިތިކް މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2014 ގެ "ބޭންގް ބޭންގް" އެވެ. އޭގެ ފަހުން 2019 ގެ "ވޯ" ގަ އެވެ ދީޕިކާ އެންމެ ފުރަތަމަ ސިދާތާ އެކީ މަސައްކަތްކުރީ 2008 ގެ "ބަޗްނާ އޭ ހަސީނޯ" ގަ އެވެ. އޭގެ ފަހުން "ޕަތާން" ގަ އެވެ.
View this post on Instagram
އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައިވާ އަދި 250 ކްރޯޑް ރުޕީސް (30.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ފައިޓާ" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ކަރަން ސިންގް ގްރޯވާ އާއި އަކްޝޭ އޮބެރޯއީ، ސަންޖީދާ ޝެއިހް އަދި ތަލަތު އަޒީޒު ވެސް ހިމެނެ އެވެ.