Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

ކޮރަޕްޝަން ހިންގާ ކަމަށް ބުނަނީ އަގު ވައްޓާލަން

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު- ފޮޓޯ: ރައީސް އޮފީސް

ފެނަކައިން ކޮރަޕްޝަނަށް މަގުފައިވާގޮތަކަށް އަމަލުކުރާކަމަށް ދޭހަވާގޮތަކަށް ދިޔަރެސް ނޫހުގައި ކެނޑިނޭޅި ހަބަރު ފަތުރަނީ އެ ކުންފުނީގެ އަގު ވައްޓާލުމަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން މިފަދައިން ބުނެފައިވަނީ "ފެނަކައިން 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގަނީ" މި ސުރުޚީގެ ދަށުން، 1 ނޮވެމްބަރ 2023 ގައި ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ ހަބަރާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައެވެ. އެގޮތުން ފެނަކައިން ބުނެފައިވަނީ މިފަދަ އަސާސެއް ނެތް ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި ރޭވުމެއްގެ ތެރެއިން ކަމަށެވެ.

ފެނަކައިން ބުނެފައިވަނީ ި އެ ކުންފުނީގެ ހިދުމަތް ހުއްޓުމަކަށް އަޔަނުދީ ދުވަހުން ދުވަހަށް ހޯދަންޖެހޭ މެޓީރިއަލްސް އާއި ދުރާލައި ހޯދަންޖެހޭ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ އަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހު ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސަސްއެއްގެ ތެރެއިން ކަމަށެވެ.

"އަދި ކުންފުނީގެ ދުވަހުން ދުވަހަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާންޖެހޭނެ ސަބަބެއް ކަމަކަށް މި ކުންފުނިން ނުދެކެމެވެ. އެހެންކަމުން މި ކުންފުނިން ހިންގޭ އެއްވެސް މުޢާމަލާތެއްގައިވެސް ކޮރަޕްޝަނަށް މަގުފައިވެދާނެފަދަ އެއްވެސް ޢަމަލެއް ހިންގަމުން ނުދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރުވަމެވެ." ފެނަކައިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ބުނެފައިވަނީ އެ ކުންފުންޏާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް، ކަމުގެ ހަޤީޤަތް ސާފުކުރުމެއްނެތި މިފަދަ ހަބަރުތައް ތަކުރާރުކޮށް އާންމުކުރުމަކީ އެންމެ ޒިންމާދާރުކަމާއެކު ކޮށްފައިވާ ކަމެއްކަމަށް ނުދެކޭކަމަށެވެ. އަދި ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް ހަބަރުތައް ގެނައުމަށްވެސް ފެނަކައިން ގޮވާލާފައިވެއެވެ.