އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ގެ ފުރަތަަމަ ޓީޒާ ޓްރެއިލާ މިއަދު ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
މިއަދު ފާހަގަކުރާ އޭނަގެ 58 ވަނަ އުފަން ދުވަހާ ދިމާކޮށް ދައްކައިލި ޓީޒާގައި މީގައި ފެންނަނީ ސަހަރާއެއް ހުރަސްކޮށްފައި އިތުރު ބަޔަކާ އެކީ ޝާހްރުކް ދާ އިރު، އެ މީހުންނަށް ބަޑިއަކުން މީހަކު ހަމަލާއެއް ދޭ ތަނެވެ. "ޑަންކީ" އަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ސޯޝަލް ކޮމެޑީއެކެވެ،
މީގެ ޑައިިރެކްޓަރަކީ "ޕީކޭ" އާއި "3 އިޑިއަޓްސް" އަދި "މުންނާބާއީ" ފަދަ މަގުބޫލުތައް ފިލްމު ގެނެސްދިން ރާޖްކުމާރު ހިރާނީ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާ އެކީ ގެނެސްދިން 2018 ގެ "ސަންޖޫ" އެވެ. "ޑަންކީ" އަކީ ހިރާނީއާ އެކީ ޝާހްރުކް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
އަންނަ މަހުގެ 21 ގައި ސިނަމާތަކަށް ގެންނަ ފިލްމުގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ބޮމަން އިރާނީ، ސަތިޝް ޝާހް، ދިއާ މިރްޒާ، ދަރުމެންދުރާގެ އިތުރުން ހާއްސަ ފެނިލުމެއްގައި ވިކީ ކޯޝަލް ވެސް ހިމެނެ އެވެ.
"ޑަންކީ" އަކީ މި އަހަރު ރިލީޒްވާ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ ސެޕްޓެމްބަރުގައި ގެނެސްދިން "ޖަވާން" އާއި ޖެނުއަރީގައި ގެނެސްދިން "ޕަތާން" އެވެ. މިއީ މި އަހަރުގެ އެންމެ ބޮޑެތި ބްލޮކްބަސްޓާތަކެވެ. އެހެންވެ "ޑަންކީ" އަށް ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ.