Last Updated: July 24, 05:25
Friday, July 24, 2026
މުނިފޫހިފިލުވުން

ބޮބީ ވެސް އަރިއަންގެ ސީރީޒްގައި

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު ލިޔެ، ޑައިރެކްޓްކުރާ ވެބް ސީރީޒް "ސްޓާޑަމް" ގެ ކާސްޓްގައި ހިމެނޭކަން އެކްޓަރު ބޮބީ ޑިއޯލް ކަށަވަރުކޮށް ދީފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން 8" ގެ ދެވަނަ އެޕިސޯޑްގެ މެހުމާނެއްގެ ގޮތުގައި ބޭބެ ސަނީ ޑިއޯލްއާ އެކީ ބައިވެރިވެ، ދެއްކި ވާހަކަތަކުގެ ތެރޭގައި ބޮބީ ވަނީ އަރިއަންގެ ސީރީޒްގެެ ރޯލަކުން އޭނަ ފެންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

"އެ މީހުންނަކީ އަބަދު ވެސް އަހަންނަށް ރަނގަޅު ރޯލުތަކެއް އޮފާކުރާ ބައެއް." އަރިއަންގެ ސީރީޒް ޕްރޮޑިއުސްކުރާ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓައިންމަންޓްގެ އުފެއްދުންތަކެއްގައި ކުރިން ހިއްސާވެފައިވާތީ އެކަމަށް އިޝާރާތްކޮށް ބޮބީ ބުންޏެވެ.

އޭނަ އަކީ އެ ސްޓޫޑިއޯ އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން "ލަވް ހޯސްޓެލް" އާއި "ކްލާސް އޮފް 83" ގެ ބަތަލެވެ.

އަރިއަންގެ ސީރީޒްގެ ޝޫޓިން މި އަހަރުގެ ޖުލައި އިން ފެށިގެން ކުރިއަށް ދިޔަ ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެކަމަކު ހަ އެޕިސޯޑް މި ސީރީޒަކީ ފިލްމު އިންޑަސްޓްރީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެއް ކަމަށްވެ އެވެ.

"ސްޓާޑަމް" ގެ ކާސްޓުން ފެންނާނެ ކަމަށް ބުނާ މީހުންގެ ތެރޭގައި އާ އެކްޓަރު ލަކްޝް ލަލްވާނީ އާއި މަޝްހޫރު ޓީވީ ބަތަލާ މޯނާ ސިންގް ހިމެނެ އެވެ. އަދި ހާއްސަ ފެނިލުންތަކުގައި ޝާހްރުކް، ރަންވީރު ސިންގްގެ އިތުރުން ރަންބީރް ކަޕޫރް ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ބޮބީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 1 ގައި ރިލީޒްކުރާ "އެނިމަލް" އެވެ.