Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާގައި ކެންސަރު ބަލީގެ މީހުންނަށް އެހީވާން ތައްޔާރު

ފަލަސްތީނުގެ ގާޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް ބަންދުކުރުމާ ގުޅިގެން އެތަނުގައި ތިބި މީހުންނަށް އެހީވާން ތައްޔާރު ކަމަށް ތުރުކީން ބުނެފި އެވެ.

ގާޒާގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލަކީ ޓާކިޝް-ޕަލަސްޓީނިޔަން ފްރެންޑްޝިޕް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލު ބަންދުކުރީ އެތަނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތެޔޮ ހުސްވުމާ ގުޅިގެންނެވެ. ހޮސްޕިޓަލް ބަންދުކުރި އިރު އެތަނުގައި ކެންސަރަށް ފަރުވާ ހޯދަމުންދިޔަ 70 މީހުން ތިއްބެވެ.

ތުރުކީގެ ހެލްތު މިނިސްޓަރު ފަހްރެޓިން ކޯޗާ ވިދާޅުވީ އިންތިޒާމުތައް ހަމަޖައްސައިފިނަމަ ގާޒާގައި ކެންސަރަށް ފަރުވާކުރަމުންދިޔަ މީހުންނާއި އަދި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތައް ތުރުކީ އަށް ގެނެސްގެން ފަރުވާކޮށްދޭން ތައްޔާރަށް ތިބި ކަމަށެވެ.

ތުރުކީން މިހާތަނަށް ވަނީ އިންސާނީ އެހީގެ ގޮތުގައި 200 ޓަނުގެ ތަކެތި ގާޒާ އަށް ފޮނުވާފަ އެވެ. އަދި ގާޒާގެ ރަފާހް ބޯޑަރު ކައިރީގައި ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތުރުކީން ހޮސްޕިޓަލެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ބޯޑަރު ހުޅުވާލި ނަމަވެސް އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން މަނާކޮށްފަ އެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ.

ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ބުނެފަ އެވެ. އަދި މިވަގުތު ހަނގުރާމަ ހުއްޓާލައިފިނަމަ އެކަމުން ފައިދާވާނީ ހަމާސް ޖަމާއަތަށް ކަމަށްވެސް އެމެރިކާ އިން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.