Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އިޒްރޭލު ސިފައިން ގާޒާ ވަށާލައިފި

އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާ އެއްކޮށް ވަށާލައިފި އެވެ.

އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ވިދާޅުވީ އެއްގަމުން ގާޒާ އަށް އެރުމަށް ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން އިޒްރޭލު ސިފައިން ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރާ ގާޒާ އެއްކޮށް މިހާރު ވަށާލާފައިވާ ކަމަށެވެ. ހަމާސް ޖަމާއަތުގެ އެކި ތަންތަނަށް ހަމަލާތައް ދެމުންދާ ކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް އިޒްރޭލުން ނުގެންގުޅޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން ގާޒާ އަށް އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަނީ އުތުރުގެ ސަރަހައްދުތަކުންނެވެ. އިޒްރޭލުން މީގެކުރިން ވަނީ ގާޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.1 މިލިއަން މީހުން އެ ސަރަހައްދު ދޫކޮށް ގާޒާގެ ދެކުނުގެ ސަރަހައްދުތަކަށް ދިޔުމަށް އިންޒާރުދީފަ އެވެ.

އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަތުމަށް ތައްޔާރުވަމުންދާއިރު ގާޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދުމަށް ދިޔުމަށް މަސައްކަތް ކުރަނީ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަލް ޝިފާ ހޮސްޕިޓަލް މިހާރު ވަނީ ބަލި މީހުންނާއި ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދަންދިޔަ މީހުންނާއެކު ފުރިބާރުވެފަ އެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.