އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކާއި އޭނާގެ އާއިލާ ޝަހީދުކޮށްލައިފި އެވެ.
އިޒްރޭލުން ޝަހީދުކޮށްލާފައިވަނީ ފަލަސްތީނު ޓީވީގައި މަސައްކަތް ކުރަމުންދިޔަ ނޫސްވެރިޔާ، މުހައްމަދު އަބޫ ހަތަބް އެވެ. އަބޫ ހަތަބް ޝަހީދުކޮށްލީ ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސްގައި ހުންނަ އޭނާގެ ގެއަށް ދިން ވައިގެ ހަމަލާއެއްގަ އެވެ.
އަބޫ ހަތަބް ޝަހީދުކޮށްލީ ވަޒީފާ އަދާކުރުމަށްފަހު ގެއަށް ދިޔަތާ 30 މިނެޓްފަހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވައިގެ ހަމަލާގައި އަބޫ ހަތަބްގެ އާއިލާގެ 11 މެމްބަރަކު ވެސް ވަނީ ޝަހީދުކޮށްލާފަ އެވެ.
މި ހަމަލާއާ ގުޅޭގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިއީ އިޒްރޭލާއި ހަމާސް ޖަމާއަތުން މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގައި މަރުވި 36 ވަނަ ނޫސްވެރިޔާ އެވެ. މީގެތެރޭގައި ފަލަސްތީނުގެ 30 ނޫސްވެރިންނާއި އިޒްރޭލުގެ ހަތަރު ނޫސްވެރިޔަކާއި ލުބްނާނުގެ ނޫސްވެރިއެއް ހިމެނެ އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.