ފަލަސްތީނުގެ ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ހުއްޓުމަކާ ދިމާލަށް ދިޔުމުގެ ބިރު ހީވެއްޖެ އެވެ.
ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ، އަލް ޝިފާ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ މައި ޖެނެރޭޓަރު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި މިހާރު އެ ހޮސްޕިޓަލު ހިންގަމުން އަންނަނީ ހޮސްޕިޓަލުގައި ބާކީ ދެން ހުރި ހަމައެކަނި ޖެނެރޭޓަރުގެ އެހީގައި ކަމަށެވެ.
ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތެޔޮ ބޭނުންވާއިރު އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން މަނާކޮށްފަ އެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ.
އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަތުމަށް ތައްޔާރުވަމުންދާއިރު ގާޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދުމަށް ދިޔުމަށް މަސައްކަތް ކުރަނީ ވެސް އަލް ޝިފާ ހޮސްޕިޓަލަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަލް ޝިފާ ހޮސްޕިޓަލް މިހާރު ވަނީ ބަލި މީހުންނާއި ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދަންދިޔަ މީހުންނާއެކު ފުރިބާރުވެފަ އެވެ.
މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.