މި މަހުގެ 12 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" ގެ އާ ޓީޒާ ޓްރެއިލާއެއް މިއަދު ދައްކާލައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާފައިވާ މި ފިލްމުގެ ޓްރެއިލާ ކުރިން ވަނީ ދައްކާލައިފަ އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓައިގާ 3" އަކީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސްގެ ފަސް ވަނަ ފިލްމެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މަނީޝް ޝަރުމާ އެވެ.
ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ދަށުން އެންމެ ފަހުން ގެނެސްދިނީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އެ ފިލްމުގެ ހާއްސަ ފެނިލުމެއްގައި ސަލްމާން ހިމެނުނު ގޮތަށް "ޓައިގާ 3" ގައި ޝާހްރުކްގެ ވަރަށް ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.
ގިނަ ބަޔަކު މިހާރު ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ފިލްމުގެ ވިލަންގެ ރޯލު އިމްރާން ޙާޝިމީ ކުޅެފައިވުމެވެ. މިއީ ފިލްމެއްގެ މައި ވިލަންގެ ރޯލު އޭނަ ކުޅުނު ފުރަތަމަ ފަހަރެވެ. އަދި "ޓައިގާ 3" އަކީ ވައިއާރްއެފްގެ ފިލްމެއްގައި އޭނަ ހިއްސާވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
"ޓައިގާ" ފްރެންޗައިޒްގެ އަނެއް ދެ ފިލްމަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، 2017 ގައި ގެނެސްދިން "ޓައިގާ ޒިންދާ ހޭ" އާއި ކަބީރް ޚާން ޑައިރެކްޓްކޮށް ގެނެސްދިން 2010 ގެ "އޭކް ތަ ޓައިގާ" އެވެ.