Last Updated: July 23, 18:20
Friday, July 24, 2026
މުނިފޫހިފިލުވުން

ޝިލްޕާ ބުނަނީ ފިރިމީހާއާ މެދު ފަހުރުވެރިވާ ކަމަށް!

ބަރަހަނާ ފިލްމު ހަދައި އޭގެ ވިޔަފާރިކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދެ މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބިނާކޮށް، ރާޖް ކުންދުރާ ކުޅުނު ފިލުމި މިއަދު ރިލީޒްކުރުމާ އެކީ ފިރިމީހާއާ މެދު ފަހުރުވެރިވާ ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

މިއަދު ސިނަމާތަކަށް ގެނައި "ޔޫޓީ 69" ގައި ދައްކުވައި ދެނީ މުމްބާއީ އާތާ ރޯޑް ޖަލުގައި ރާޖް 2021 ހޭދަކުރި ހިތްދަތި އަދި އެހާމެ އުނދަގޫ 63 ދުވަހެވެ. ބަރަހަނާ ފިލްމު ހަދައި އޭގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި އޭނަ ހައްޔަރުކުރީ 2021 ގެ ޖުލައި މަހުގެ މެދުތެރޭގަ އެވެ. އަދި ޖަލުން ދޫކުރީ ކަފާލާތުގެ ދަށުންނެވެ.

"ޔޫޓީ 69" ގައި ރާޖް ވަނީ ޖަލުގައި އޭނަ ހޭދަކުރި ދުވަސްތައް އަމިއްލަ އަށް އިހުސާސްތަކާ އެކީ ކުޅެފަ އެވެ. މިއީ އޭނަ ފިލްމެއް ކުޅުނު ފުރަތަމަ ފަހަރެވެ.

މި ފިލްމު ބެލުންތެރިންނަށް މިއަދު ދޫކޮށްލުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޝިލްޕާ ވަނީ ފިރިމީހާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެގޮތުން ރާޖް އަކީ ވަރަށް ހިތްވަރު އަދި ވަރަށް ހާއްސަ މީހެއް ކަމަށާއި ފިރިމީހާއާ މެދު ފަހުރުވެރިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އަލަށް ކުޅުނު ފިލްމަށް ރާޖް ކުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި ފިލްމުގެ ޑައިރެކްޓަރު ޝާހްނަވާޒް އަލީ ވެސް ފިލްމުގެ ވާހަކަ ވަރަށް ރަނގަޅަށް ގެނެސްދީފައިވާ ކަމަށް ބުނެފައިވެ އެވެ.

މި ފިލްމަށާއި ރާޖަށް ޝިލްޕާ ތައުރީފުކުރި ނަމަވެސް ވަރަށް ގިނަ ކްރިޓިކުން ވަނީ "ޔޫޓީ 69" އަށް ވަރަށް ބޮޑަށް ފާޑުކިޔައި، މިއީ އެއްގޮތަކަށް ކަމުދާ ފިލްމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ކްރިޓިކުން ފިލްމު ސިފަކޮށްފައި ވަނީ ރާޖްގެ މޫނުމަތި ރީތިކުރަން ހަދާފައި އޮތް، ބޭކާރު މަސައްކަތެއްގަ ގޮތުގަ އެވެ.

"ޔޫޓީ 69" އާ ބެހޭ ގޮތުން ކްރިޓިކުން މައިގަނޑު ގޮތެއްގައި އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ރާޖަށް ކުރެވުނު ތުހުމަތަށް ފިލްމުގައި އެކަށީގެންވާ ވަރަށް އަލިއަޅުވާފައި ނެތުމުން، މުޅި ފިލްމު ޖަލުގެ ދަތި، އުނދަގޫ ހާލަތު ދައްކުވައި ދީފައި އޮތުމެވެ.